ސްޕެނިޝް ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ބާސެލޯނާ އާއި އެއިބާ އެއްވަރުވެއްޖެއެވެ.
ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އަނިޔާގެ ސަބަބުން ބާސާގެ ކެޕްޓަން ލިއޮނެލް މެސީ ކުޅެފައެއް ނުވެއެވެ. ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ބާސާއަށް ވަނީ ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބިފައެވެ. އެގޮތުން މެޗުގެ އަށްވަނަ މިނެޓުގައި އެ ޓީމަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، މާޓިން ބްރެތުވެއިޓް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެއެވެ. މިއީ އޭރިއޭ ތެރެއިން ބާސާގެ ރޮނާލްޑް އަރައުހޯއަށް އެއިބާގެ ޕެޑްރޯ ބިގާސް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.
އޭގެ ފަހުން މެޗުގެ 25 ވަނަ މިނެޓުގައި ޖޫނިއާ ފިރްޕޯ އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅައަކުން ބްރެތުވެއިޓް ލަނޑެއް ޖެހި ނަމަވެސް، އޭނާ އޮފްސައިޑުގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.
އެހެންކަމުން މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި އެއިބާއިން ވަނީ ލީޑު ނަގާފައެވެ. ބާސާގެ ޑިފެންޑަރު އަރައުހޯ ހެދި ގޯހެއްގެ ފައިދާ ނަގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކިކޭއެވެ. އެކަމަކު އޭގެ 10 މިނެޓު ފަހުން ފިރްޕޯ ހުރަސްކޮށްދިން ބޯޅައަކުން އޮސްމާނޭ ޑެމްބެލޭ ވަނީ ބާސާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗު އެއްވަރުވުމާ ގުޅިގެން ބާސާއަށް މި އަހަރު ނިންމާލަން ޖެހުނީ ތާވަލުގެ ހަވަނައިގައި އޮވެގެންނެވެ. އެގޮތުން މިހާތަނަށް ކުޅުނު 15 މެޗުން އެ ޓީމަށް ލިބިފައިވަނީ 25 ޕޮއިންޓެވެ. ތާވަލުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ވަނީ 32 ޕޮއިންޓް ލިބިފައެވެ. އަދި އަންގާރަ ދުވަހުގެރޭ ބާސާއާ އެއްވަރުކުރި އެއިބާ އޮތީ ތާވަލުގެ 15 ވަނައިގައި 16 މެޗުން 16 ޕޮއިންޓާއެކުއެވެ.