ކ. މާލެ
|
29 ޑިސެންބަރ 2020 | އަންގާރަ 19:51
ބެޑްމިންޓަން އެސޯސިއޭޝަން މިކްސްޑް ޓީމު ޗެމްޕިއަންޝިޕް 2020 ގެ ޗެމްޕިއަންކަން ހޯދި ރިވައިވަލް ސްޕޯޓްސް
ބެޑްމިންޓަން އެސޯސިއޭޝަން މިކްސްޑް ޓީމު ޗެމްޕިއަންޝިޕް 2020 ގެ ޗެމްޕިއަންކަން ހޯދި ރިވައިވަލް ސްޕޯޓްސް
މިހާރު
ބީއޭއެމް މިކްސްޑް ޓީމު ޗެމްޕިއަންޝިޕް
އިންޑޯ ބަލިކޮށް ޗެމްޕިއަންކަން ރިވައިވަލްއަށް
މުބާރާތުގެ ޗެމްޕިއަންކަން ރިވައިވަލް ހޯދީ 4-2 ން އިންޑޯ ބަލިކޮށްގެން
މި މުބާރާތުގައި އަށް ޓީމު ވަނީ ވާދަކޮށްފައި

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން މާލެ ސަރަހައްދަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ "ބެޑްމިންޓަން އެސޯސިއޭޝަން މިކްސްޑް ޓީމު ޗެމްޕިއަންޝިޕް 2020" ގެ ޗެމްޕިއަންކަން ރިވައިވަލް ސްޕޯޓްސް ހޯދައިފިއެވެ.

ޖުމްލަ އަށް ޓީމެއް ވާދަކުރި މި މުބާރާތުގެ ޗެމްޕިއަންކަން އެންމެ ފަހުގެ ފުރަތަމަ ޑިވިޝަން ޗެމްޕިއަން ޓީމު ކަމަށްވާ ރިވައިވަލްއިން ހޯދީ އަންގާރަ ދުވަހުގެ ހަވީރު ބެޑްމިންޓަން ހޯލުގައި ކުޅުނު ފައިނަލް މެޗުގައި 4-2 ން އިންޑޯ ސްޕޯޓްސް ބެޑްމިންޓަން އެކެޑެމީ ބަލިކޮށްގެންނެވެ.

ފައިނަލް މެޗުގެ ފުރަތަމަ ފިރިހެން ޑަބަލްސް އާއި އަންހެން ޑަބަލްސް މެޗު ކާމިޔާބުކުރީ ރިވައިލްއިންނެވެ. އެގޮތުން ފިރިހެން ޑަބަލްސް މެޗު ރިވައިލްގެ ޒަޔާން ޝަހިދު ޒަކީ އާއި އަޙްމަދު ވަސީމްގެ ޕެއާއިން ކާމިޔާބުކުރީ އިންޑޯގެ މުޙައްމަދު އާކިފް އާއި ހަސަން ފާކިރުގެ ޕެއާއާ ވާދަކޮށް ސީދާ ދެ ސެޓުންނެވެ. އެގޮތުން މި މެޗުގެ ސެޓުތައް ރިވައިވަލްގެ ޕެއާއިން ގެންދިޔައީ 15-13 އަދި 15-9 ންނެވެ. އަދި އަންހެން ޑަބަލްސް މެޗު ރިވައިވަލްގެ ފާތިމަތު ނަބާހާ އާއި ޝިޔާނާ އަޙްމަދުގެ ޕެއާއިން ކާމިޔާބުކުރީ އިންޑޯގެ ނާޒިމާ މުޙައްމަދާއި އައިމިނަތު ނަސީމާގެ ޕެއާއާ ވާދަކޮށް ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ރިވައިވަލުގެ ޕެއާއިން ގެންދިޔައީ 15-11 އަދި 15-8 ންނެވެ.

އެކަމަކު އިންޑޯއިން ވަނީ ފައިނަލް މެޗުގައި އަނެއް ދެ ގޭމް ކާމިޔާބުކޮށްފައެވެ. އެގޮތުން މިކްސްޑް ޑަބަލްސްގެ ފުރަތަމަ މެޗު އިންޑޯއިން ކާމިޔާބުކުރީ ރިވައިވަލްގެ ޕެއާއާ ވާދަކޮށް 3-1 ސެޓުންނެވެ. މި މެޗުގައި އިންޑޯގެ މުޙައްމަދު އާކިފް އާއި އައިމިނަތު ނަސީމާގެ ޕެއާ ވާދަކޮށްފައިވަނީ ރިވައިވަލްގެ ފާތިމަތު ނަބާހާ އާއި އިބްރާހީމް ރާޝިއުގެ ޕެއާއާއެވެ. މި މެޗުގެ ސެޓުތައް ދިޔައީ 15-7، 14-15 އަދި 15-11 ންނެވެ. އަދި ފިރިހެން ޑަބަލްސްގެ ދެވަނަ މެޗު އިންޑޯގެ ރިޝްވާން ޝިޔާމާއި ހަސަން ފާކިރުގެ ޕެއާއިން ކާމިޔާބުކުރީ ރިވައިވަލްގެ ޒަޔާން ޝަހީދު ޒަކީ އާއި އާދަމް ނަސްވަތުގެ ޕެއާއާ ވާދަކޮށް 3-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 10-15، 15-12 އަދި 11-10 ންނެވެ.

މިކްސްޑް ޑަބަލްސް މެޗާއި ފިރިހެން ޑަބަލްސް މެޗު ކާމިޔާބުކޮށް އިންޑޯއިން ނަތީޖާ އެއްވަރުކުރި ނަމަވެސް، ރިވައިވަލްއިން ވަނީ އަނެއް ދެ މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައެވެ. އެގޮތުން ފަސްވަނައަށް ކުޅުނު އަންހެން ޑަބަލްސް މެޗު ރިވައިލްއިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މި މެޗުގައި ރިވައިވަލްގެ އައިމިނަތު ނަބީހާ އާއި ޝިޔާނާ މުޙައްމަދުގެ ޕެއާ އިންޑޯގެ މަރިޔަމް ޝަފާހަތާއި ފާތިމަތު އިމްތިޝާލުގެ ޕެއާއާ ވާދަކުރިއިރު، މި މެޗުގެ ސެޓުތައް ރިވައިވަލްގެ ޕެއާއިން ގެންދިޔައީ ފަސޭހަކަމާއެކު 15-1 އަދި 15-5 ންނެވެ. އަދި ހަވަނައަށް ކުޅުނު މިކްސްޑް ޑަބަލްސް މެޗުވެސް ރިވައިވަލްއިން ވަނީ ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ކާމިޔާބުކޮށްފައެވެ. މި މެޗުގައި ރިވައިވަލްގެ އައިމިނަތު ނަބީހާ އާއި އަޙްމަދު ވަސީމުގެ ޕެއާ އިންޑޯގެ އައްފާން އަލީ އާއި ނާޒިމާ މުޙައްމަދުގެ ޕެއާ ވާދަކުރިއިރު، މި މެޗުގެ ސެޓުތައް ރިވައިވަލްގެ ޕެއާއިން ގެންދިޔައީ 15-6 އަދި 15-14 ންނެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ރިވައިވަލް ހޯދިއިރު، މި މުބާރާތަކީ ކޮވިޑް-19 ގެ މެދުކެނޑުމަށްފަހު ބީއޭއެމްއިން މާލެ ސަރަހައްދަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ފުރަތަމަ މުބާރާތެވެ. މި މުބާރާތް ކުރިއަށްދިޔައީ ކުޅިވަރު މުބާރާތްތައް ބޭއްވުމަށް އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ބީއޭއެމްއިން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް