ސްޕެއިންގެ ފޯވާޑް ޑިއޭގޯ ކޮސްޓާގެ އެއްބަސްވުން އުވާލަން އެތުލެޓިކޯ މެޑްރިޑުން ނިންމައިފިއެވެ.
މީގެ ކުރިން 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް އެތުލެޓިކޯއަށް ކުޅުނު ކޮސްޓާ އަލުން އަނބުރާ އެ ޓީމަށް ބަދަލުވެފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އެތުލެޓިކޯއާއެކު ކޮސްޓާ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ހަމަވަން އޮތް ނަމަވެސް، އެތުލެޓިކޯގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން ދަތިވުމާ ގުޅިގެން ކޮސްޓާ ވަނީ އަމިއްލައަށް އެއްބަސްވުން އުވާލުމަށް އެ ކުލަބުގައި އެދިފައެވެ. އެއާއެކު އަންގާރަ ދުވަހުގެ އެތުލެޓިކޯއިން ވަނީ ކޮސްޓާގެ އެދުމުގެ މަތިން އޭނާގެ އެއްބަސްވުން އުވާލާފައިވާކަން ހާމަކޮށްފައެވެ.
ކޮސްޓާއަށް އެތުލެޓިކޯގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން ދަތިވީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ބާސެލޯނާއަށް ކުޅެމުން އައި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އެތުލެޓިކޯއާ ގުޅުނު ހިސާބުންނެވެ. އެގޮތުން މިދިޔަ އޮކްޓޯބަރުގެ މެދަކާ ހަމައިން ފަށައިން މިހާތަނަށް ކޮސްޓާ އެ ޓީމަށް ކުޅެދީފައިވަނީ އެންމެ ތިން މެޗެވެ. އެ ތިން މެޗުގައިވެސް އޭނާ ކުޅެން އަރާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 32 އަހަރުގެ ކޮސްޓާ އެތުލެޓިކޯގެ އެއްބަސްވުން އުވާލުމަށް އެދުނީ ކުރިއަށް އޮތް ޖެނުއަރީ މަހުގެ ޓްރާންސްފާގައި އަލުން އަނބުރާ އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބަކަށް ބަދަލުވާން ބޭނުންވާތީއެވެ. އެގޮތުން ކޮސްޓާ ހޯދުމަށް އާސެނަލާއި ވުލްވްސްއިން މަސައްކަތް ކުރަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މީގެ ކުރިން ޗެލްސީއަށްވެސް ކުޅުނު ކޮސްޓާ ވަނީ އެ ޓީމާއެކު ޕްރިމިއާ ލީގުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ޗެލްސީއަށް ކުޅެދިން 120 މެޗުން 59 ލަނޑު ޖަހައިދިން ކޮސްޓާ ވަނީ އެ ޓީމާއެކު އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރު އަދި އިނގިރޭސި ލީގު ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.