ކ. މާލެ
|
29 ޑިސެންބަރ 2020 | އަންގާރަ 15:36
2018 ވަނަ އަހަރު ސާފް ސުޒުކީ ކަޕުގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ޓީމު
2018 ވަނަ އަހަރު ސާފް ސުޒުކީ ކަޕުގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ޓީމު
އިމޭޖަސް.އެމްވީ
ސާފް ސުޒުކީ ކަޕް
ސާފް ސުޒުކީ ކަޕް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު
މި މުބާރާތް އޮންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14-25 ށް
މި އަހަރުގެ މުބާރާތް އަންނަ އަހަރަށް ފަސްކުރީ ކޮވިޑް-19 ގެ ސަބަބުން

ކޮވިޑް-19 ގެ ސަބަބުން ފަސްކުރި ސާފް ސުޒުކީ ކަޕް (ސާފް ޗެމްޕިއަންޝިޕް) އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ނިންމާފައެވެ.

މީގެ ކުރިން މި މުބާރާތް ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކޮށްފައި އޮތީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު ބަންގްލަދޭޝްގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވުމާ ގުޅިގެން މި އަހަރުގެ ޖޫން މަހުގެ ތެރޭގައި މުބާރާތް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.

މި މުބާރާތް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަން ނިންމީ ހޯމަ ދުވަހު އޮންލައިންކޮށް ބޭއްވި ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވަނީ މި މުބާރާތް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ތާވަލުކޮށްފައެވެ.

އަންނަ އަހަރުގެ މުބާރާތް ބަންގްލަދޭޝްގައި ބާއްވާއިރު، އެންމެ ފަހުންވެސް ސާފް ސުޒުކީ ކަޕް ބޭއްވީ ބަންގްލަދޭޝްގައެވެ. ޑާކާގައި 2018 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކުރުމަށް ފަހު ޗެމްޕިއަންކަން ހޯދީ ރާއްޖެއެވެ. މިއީ ރާއްޖޭން މި މުބާރާތުގެ ތަށި އުފުލާލި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރަށް ރާއްޖެއިން މި މުބާރާތް ކާމިޔާބުކުރީ 2008 ވަނަ އަހަރުއެވެ. އެ ފަހަރު މުބާރާތް ބޭއްވީ ރާއްޖެ އާއި ސްރީ ލަންކާގައެވެ.

ސާފް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމަކީ އިންޑާއެވެ. އިންޑިއާއިން މި މުބާރާތް ހަ ފަހަރު ކާމިޔާބު ކޮށްފައިވާއިރު ދިވެހިރާއްޖެއިން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ދެ ފަހަރެވެ. އަދި ބަންގްލަދޭޝް އާއި އަފްޣާނިސްތާނުން ވަނީ މި މުބާރާތް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

- ކޮމެންޓް