ކ. މާލެ
|
29 ޑިސެންބަރ 2020 | އަންގާރަ 01:49
މީގެ ކުރިން ކޮވިޑަށް ޕޮޒިޓިވްވި ސިޓީގެ ޑިފެންޑަރު ކައިލް ވޯކާ އާއި ފޯވާޑް ގަބްރިއެލް ޖީސޫސް
މީގެ ކުރިން ކޮވިޑަށް ޕޮޒިޓިވްވި ސިޓީގެ ޑިފެންޑަރު ކައިލް ވޯކާ އާއި ފޯވާޑް ގަބްރިއެލް ޖީސޫސް
ގެޓީ އިމޭޖަސް
ސިޓީ އާއި އެވަޓަނުގެ މެޗު ފަސްކުރުން
ސިޓީ އާއި އެވަޓަން ބައްދަލުކުރަން އޮތް މެޗު ފަސްކޮށްފި
މި މެޗު ފަސްކުރީ ސިޓީގެ ގިނަ ކުޅުންތެރިންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން
ސިޓީން ތަމްރީނުކުރުމަށް ބޭނުންކުރާ ދަނޑުވެސް ވަނީ ބަންދުކޮށްފައި

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ މެންޗެސްޓާ ސިޓީ އާއި އެވަޓަން ބައްދަލުކުރަން ހަމަޖެހިފައި އޮތް މެޗު ފަސްކޮށްފިއެވެ.

ސިޓީގެ ދަނޑުގައި ކުޅެން އޮތް މި މެޗު ފަސްކުރުމަށް ޕްރިމިއާ ލީގުން ނިންމީ އެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު މެޗު ފެށުމުގެ ހަތަރު ގަޑިއިރު ކުރިންނެވެ.

ސިޓީގެ ގިނަ ކުޅުންތެރިންތަކެއް ކޮވިޑަށް ޕޮޒިޓިވްވިއިރު، މިދިޔަ ހުކުރު ދުވަހު އެ ޓީމުގެ ޑިފެންޑަރު ކައިލް ވޯކާ އާއި ފޯވާޑް ގަބްރިއެލް ޖީސޫސްގެ އިތުރުން ދެ އޮފިޝަލަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 ން ސިޓީ މޮޅުވި މެޗުގައި އެ ދެ ކުޅުންތެރިން ކުޅެފައެއް ނުވެއެވެ.

ސިޓީގެ ގިނަ ކުޅުންތެރިންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމާއެކު އެ ޓީމުން ވަނީ މެޗު ފަސްކޮށްދިނުމަށް އެދިފައެވެ. އެއާއެކު ޕްރިމިއަރ ލީގުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިޓީގެ މެނޭޖްމަންޓުން އެދުނު ގޮތަށް ރަސްމީކޮށް މެޗު ފަސްކޮށްދީފައިވާ ކަމަށެވެ. އަދި އެ ނިންމުމަކީ ސިއްހީ މާހިރުންގެ ލަފާ ހޯދުމަށްފަހު ނިންމި ނިންމުމެއް ކަމަށާއި، ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ހުރުމުން އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސިޓީގެ ގިނަ ކުޅުންތެރިންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމާއެކު އެ ޓީމު ތަމްރީނުކުރުމަށް ބޭނުންކުރާ ދަނޑު ވަނީ ބަންދުކޮށްފައެވެ. އަދި އެ ދަނޑު އަލުން ހުޅުވާނީ ސިޓީގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވައިރަހަށް ޓެސްޓުކުރުމަށްފަހު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ހޯމަ ދުވަހުގެރޭ ކުޅެން އޮތް މެޗު ފަސްކުރިއިރު، މި މެޗު ދެން ކުޅޭނެ ތާރީޚެއް އަދި ޕްރިމިއާ ލީގުން އިއުލާންކޮށްފައެއް ނުވެއެވެ. މި މެޗު ފަސްކުރިއިރު، ސިޓީން ލީގުގައި ދެން މެޗެއް ކުޅޭނީ އަންނަ ހަފުތާގެ އާދީއްތަ ދުވަހުގެރެއެވެ. އެރޭ ރަށުން ބޭރުގައި ސިޓީ ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

ސިޓީ އާއި އެވަޓަން ބައްދަލުކުރަން އޮތް މެޗަކީ ކޮވިޑް-19 އާ ގުޅިގެން ޕްރިމިއާ ލީގުން ފަސްކުރި ދެވަނަ މެޗެވެ. މީގެ ކުރިން މި މަހުގެ ހަތަރުވަނަ ދުވަހު އެސްޓަން ވިލާ އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރަން އޮތް މެޗުވެސް ވަނީ ނިއުކާސަލްގެ ފަސް ކުޅުންތެރިއަކާއި އެ ޓީމުގެ ދެ އޮފިޝަލަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ފަސްކޮށްފައެވެ.

- ކޮމެންޓް