ކ. މާލެ
|
29 ޑިސެންބަރ 2020 | އަންގާރަ 01:21
ޗެލްސީ އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ޗެލްސީ އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޗެލްސީ އަތުން ވިލާއަށް ޕޮއިންޓެއް
ޗެލްސީ އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ން
ވިލާ އާއި ޗެލްސީއަށްވެސް ވަނީ 26 ޕޮއިންޓް ލިބިފައި

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ ޗެލްސީ އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗު އެއްވަރުވިއިރު، ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ޗެލްސީ މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.

މި މެޗުގެ ފުރަތަމަ 11 ގައި ޗެލްސީން ވަނީ އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް ހިމަނާފައެވެ. މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޗެލްސީންނެވެ. ޑިފެންޑަރު ބެން ޗިލްވެލް ނަގައިދިން ހުރަހަކުން މެޗުގެ 34 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖިރޫޑެވެ.

އެކަމަކު ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ވިލާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މިޑްފީލްޑަރު މަޓީ ކޭޝް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އަންވަރު އެލް ޣާޒީއެވެ.

އޭގެ ފަހުން ލީޑު ނެގުމަށް ދެ ޓީމަށްވެސް ވަނީ މި މެޗުގައި ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން މެޗުގެ 69 ވަނަ މިނެޓުގައި ވިލާގެ މިޑްފީލްޑަރު ޖޯން މެކްގިން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.

މި ނަތީޖާއާއެކު ތާވަލުގެ ފަސްވަނައިގައި އޮތް ވިލާ އާއި ހަވަނައިގައި އޮތް ޗެލްސީއަށް ވަނީ 26 ޕޮއިންޓް ލިބިފައެވެ. ވިލާއިން މިހާތަނަށް 14 މެޗު ކުޅުނުއިރު، ޗެލްސީން 26 ޕޮއިންޓް ހަމަކުރީ ކުޅުނު 16 މެޗުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް