އާސެނަލުގެ މިޑްފީލްޑަރު މެސުޓް އޮޒިލް ލޯނު އުސޫލުން ޔުވެންޓަސްއަށް ދޫކުރަން ހުށަހެޅި ނަމަވެސް، އެ ޓީމުން އެކަމަށް ފުރަގަސްދީފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ފަހަކަށް އައިސް އާސެނަލުން އުމުރުން 32 އަހަރުގެ އޮޒިލަށް ފުރުސަތު ދީފައި ނުވާއިރު، އޮޒިލް އެންމެ ފަހުން އެ ޓީމަށް މެޗެއް ކުޅެދިނީ މި އަހަރުގެ މާޗު މަހު ހަތްވަނަ ދުވަހުގައެވެ. އަދި މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގާއި ޔޫރޮޕާ ލީގުގެ ސްކޮޑުންވެސް އޮޒިލް ވަނީ ބާކީކޮށްފައެވެ.
އެހެންކަމުން އާސެނަލުން ވަނީ މި ސީޒަން ފެށުމުގެ ކުރިން އޮޒިލް ދޫކޮށްލަން މަސައްކަތްކޮށްފައެވެ. އެކަމަކު އެއްބަސްވުން ނިމުމުގެ ކުރިން އާސެނަލް ދޫކޮށްލަން އޮޒިލް ވަނީ ދެކޮޅު ހަދާފައެވެ. އެއާއެކު އާސެނަލުން އޮޒިލް ލޯނު އުސޫލުން ޔުވެންޓަސްއަށް ދޫކުރަން ހުށަހެޅީ މުސާރައިގެ އެއްބައިދޭ ގޮތަށެވެ. އެކަމަކު އެ ކުލަބުން އެ ހުށަހެޅުން ބޭނުން ނުހިފަން ނިންމާފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އާސެނަލްގެ ޑިރެކްޓަރުންނާއި އޮޒިލްގެ އޭޖެންޓް ވަނީ ޔުވެންޓަސްގެ އިތުރުން ޔޫރަޕުގެ އެހެން ބައެއް ކުލަބުތަކަށްވެސް އޭނާ ހުށަހަޅާފައެވެ.
އޮޒިލް ދޫކޮށްލަން އާސެނަލިން މަސައްކަތްކުރަމުން އަންނައިރު، އޮޒިލް މި ސީޒަނުގެ ނިޔަލަށް އާސެނަލުގެ އެއްބަސްވުމުގައި ހުރީ ހަފުތާއަކު 350،000 (ތިން ލައްކަ ފަންސާސް ހާސް) ޕައުންޑް ލިބޭ ގޮތަށެވެ. އޭނާ އަކީ އާސެނަލުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއެވެ.
އޮޒިލަށް އާސެނަލުގެ ސްކޮޑުން ޖާގަ ގެއްލިފައިވާއިރު، މީގެ ކުރިން އޮޒިލް ވަނީ އާސެނަލާ ދެމެދު މައްސަލަ ޖެހުނު ސަބަބު މީގެ ކުރިން ސާފުކޮށްދީފައެވެ. އޮޒިލް ބުނީ އޭނާ އާއި އާސެނަލާ ދެމެދު މައްސަލަ ޖެހުނީ ކޮވިޑް-19 ގެ ސަބަބުން ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ބުނުމުން، އެކަމަށް ދެކޮޅު ހެދި ހިސާބުން ކަމަށެވެ. އަދި އެކަމަށް ދެކޮޅު ހެދީ އާސެނަލަށް އޭނާ ކުރިމަތިކުރި ސުވާލުތަކަށް ކުލަބުން ޖަވާބުދާރީ ނުވުމުން ކަމަށްވެސް އޮޒިލް ބުންޏެވެ.
ރެއާލް މެޑްރިޑް ދޫކޮށް 2013 ވަނަ އަހަރު އާސެނަލަށް ބަދަލުވި އޮޒިލް ވަނީ އާސެނަލަށް މިހާތަނަށް ކުޅެދިން 254 މެޗުގައި 44 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ އާސެނަލާއެކު އެފްއޭ ކަޕް ތިން ފަހަރު އަދި ކޮމިއުނިޓީ ޝީލްޑް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.