ކ. މާލެ
|
28 ޑިސެންބަރ 2020 | ހޯމަ 19:46
ޒަމާނީ ފެންވަރުގެ ނެޓްބޯޅަ ކޯޓުގެ ބިން އެއްވަރުކުރުމަށް އާރްކޭއެލްއާ ހަވާލުކުރުން
ޒަމާނީ ފެންވަރުގެ ނެޓްބޯޅަ ކޯޓުގެ ބިން އެއްވަރުކުރުމަށް އާރްކޭއެލްއާ ހަވާލުކުރުން
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ޒަމާނީ ފެންވަރުގެ ނެޓްބޯޅަ ކޯޓުގެ މަސައްކަތް
ޒަމާނީ ފެންވަރުގެ ނެޓްބޯޅަ ކޯޓުގެ ބިން އެއްވަރުކުރުމަށް ހަވާލުކޮށްފި
ނެޓްބޯޅަ ކޯޓުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރްކޭއެލްއަށް
މި މަސައްކަތް އާރްކޭއެލްއާ ހަވާލުކޮށްފައިވަނީ 1،162،012 ރުފިޔާއަށް

ރާއްޖޭގައި ފުރަތަމަ ފަހަރަށް އަޅާ ބައިނަލްއަގުވާމީ ފެންވަރުގެ ނެޓްބޯޅަ ކޯޓުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހަވާލުކޮށްފައިވަނީ އާރްކޭއެލްއަށެވެ. އާދީއްތަ ދުވަހު އާރްކޭއެލްއާއެކު އެއްބަސްވުމުގައި ސޮއިކުރިއިރު، އެ އެއްބަސްވުމުގައި ވާގޮތުން 14 ދުވަސް ތެރޭގައި މަސައްކަތް ފަށަންޖެހެއެވެ. އަދި ބިން އެއްވަރުކުރުމުގެ މަސައްކަތް ނިންމަންޖެހެނީ މަސައްކަތް ފަށާތާ 45 ދުވަހުގެ ތެރޭގައެވެ.

މި މަސައްކަތް އާރްކޭއެލްއާ ހަވާލުކޮށްފައިވަނީ 1،162،012 (އެއްް މިލިޔަން އެއް ލައްކަ ފަސްދޮޅަސް ދެހާސް ބާރަ) ރުފިޔާއަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ފެންވަރުގެ ނެޓްބޯޅަ ކޯޓެއް އަޅާއިރު، މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ފަޒުނާ ޖަލީލް ވިދާޅުވީ ރާއްޖޭގައި އަންހެން އެތުލީޓުން ގިނަ އަދަދަކަށް ކުޅެމުން އަންނަ ނެޓްބޯޅައަށް ޒަމާނުއްސުރެން ވެފައިވާ އިހުމާލު ނިމުމަކަށް ގެނައުމަށް މި ސަރުކާރުން އިސްވެ ހާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ނެޓްބޯޅަ އަކީ އަމިއްލައަށް ކުޅޭނެ ވަސީލަތެއް ނެތް ކުޅިވަރަކަށްވާތީ ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އެކަމަށް ހައްލެއް ހޯދުމަށް ނެޓްބޯޅަ އެސޯސިއޭޝަނުގެ މިހާރުގެ މެނޭޖުމަންޓުން މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމަށް މިހާރުގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށްވެސް ފަޒުނާ ވަނީ ވިދާޅުވެފައެވެ.

އަދި ވިދާޅުވީ މީގެ ކުރިން ޒުވާނުންގެ މަރުކަޒުގެ އައުޓްޑޯ ކޯޓުގައި ނެޓްބޯޅަ އެސޯސިއޭޝަނުގެ އެކި މުބާރާތްތައް ބާއްވަމުން އައިރު، އެ ބިމުގެ މައްސަލަތަކެއް އުޅޭތީ ނެޓްބޯޅަ އެތަނުގައ މިހާރު ކުޅެވެން ނެތްއިރު، އެ މައްސަލަ ހައްލުވުމާއެކު އެ ބިންވެސް ނެޓްބޯޅަ ކުޅެން ލިބިގެންދާނެ ކަމުގެ ޔަގީން ވަޒީރު ދެއްވާފައިވާ ކަމަށާއި، އެ ބިން ނުލިބިއްޖެނަމަ، ސްޓޭޑިއަމުގައި މިހާރު ނެޓްބޯޅަ ކުޅެމުން އަންނަ ބިން ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށްވެސް އެ ފަހަރު ފަޒުނާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އަޅާ ބައިނަލްއަގުވާމީ ފެންވަރުގެ ނެޓްބޯޅަ ކޯޓެއް އަޅާއިރު، މީގެ ކުރިން ނެޓްބޯޅަ މުބާރާތްތައް ބާއްވަމުން އައީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓާއި، އެ މަރުކަޒުގެ ބޭރު ކޯޓުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް