ކ. މާލެ
|
28 ޑިސެންބަރ 2020 | ހޯމަ 19:00
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ
ގެޓީ އިމޭޖަސް
ކަވާނީގެ އެއްބަސްވުން އާކުރުން
ކަވާނީގެ އެއްބަސްވުން އާކުރަން ޔުނައިޓެޑުން މަސައްކަތް ކުރަނީ
ކަވާނީ ޔުނައިޓެޑާ ގުޅުނީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުން
ކަވާނީގެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު ޔުނައިޓެޑަށް އެބައޮތް

އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީގެ އެއްބަސްވުން އާކުރަން މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 33 އަހަރުގެ ކަވާނީ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވެފައި އޮތުމުން، ޔުނައިޓެޑާ ގުޅުނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. ޔުނައިޓެޑާއެކު އޭނާ ވަނީ އެއް އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެކަމަކު އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ޔުނައިޓެޑަށް ބަދަލުވެ އިނގިރޭސި ޕްރިމިއާ ލީގުގައި ކަވާނީ މިހާތަނަށް ކުޅެފައިވަނީ އެންމެ އަށް މެޗެވެ. މި އަށް މެޗުގައި އޭނާ ވަނީ ތިން ލަނޑު ޖަހާފައެވެ.

ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނީ ކަވާނީ އަކީ ތަޖުރިބާކާރު ކުޅުންތެރިއެއް ކަމަށާއި، ޔުނައިޓެޑާއެކު އޭނާއަށް ގިނަ ކާމިޔާބީތަކެއް ހޯދޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އެގޮތުން ކަވާނީ އަކީ އިތުބާރު ކުރެވޭ ފެންވަރު ރަނގަޅު ކުޅުންތެރިއެއް ކަމުން، އޭނާ ދިގު މުއްދަކަށް އެ ޓީމުގައި މަޑުކުރަން ބޭނުންވާ ކަމަށްވެސް ސޯލްޝެއާ ވަނީ ބުނެފައެވެ.

ޔުނައިޓެޑުގެ ސްކޮޑުގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިންގެ ތެރޭގައި ކަވާނީ ހިމެނޭއިރު، އޭނާ މީގެ ކުރިން ވަނީ ޕީއެސްޖީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ކަވާނީ ވަނީ ޕީއެސްޖީއާއެކު ފްރެންޗް ލީގު ހަ ފަހަރު ހޯދާފައެވެ. އަދި ވަނީ އެ ކުލަބާއެކު ފްރެންޗް ކަޕް ހަތަރު ފަހަރު އަދި ފްރެންޗް ލީގު ކަޕް ފަސް ފަހަރުވެސް ކާމިޔާބުކޮށްފައެވެ.

- ކޮމެންޓް