ކ. މާލެ
|
28 ޑިސެންބަރ 2020 | ހޯމަ 16:35
ލޮނުޒިޔާރަތްކޮޅު ފުޓްސަލް ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ލޮނުޒިޔާރަތްކޮޅު ފުޓްސަލް ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޓްވިޓަރ
ފުޓްސަލް ދަނޑުގެ މަސައްކަތްތައް
ލޮނުޒިޔާރަތްކޮޅު ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފި
ލޮނުޒިޔާރަތްކޮޅު ފުޓްސަލް ދަނޑުގެ މަސައްކަތްކުރީ ޓްރިއޯ ލިންކް އިންވެސްޓްމަންޓުން
މި ދަނޑުގެ މަސައްކަތަށް 1,378,460 ރުފިޔާ ޚަރަދުވެފައިވޭ

ލޮނުޒިޔާރާތްކޮޅުގައި ތަރައްގީކުރި ފުޓްސަލް ދަނޑުގައި ޓާފް އެޅުމަށްފަހު، ރަސްމީކޮށް އެ ދަނޑު ހުޅުވައިފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން މި ދަނޑުގެ މަސައްކަތް ހަވާލުކުރީ ޓްރިއޯ ލިންކް އިންވެސްޓްމަންޓާއެވެ. އަދި މި ދަނޑުގެ މަސައްކަތަށް 1,378,460 (އެއް މިލިޔަން ތިން ލައްކަ ހަތްދިހަ އަށްހާސް ހަތަރުސަތޭކަ ފަސްދޮޅަސް) ރުފިޔާ ޚަރަދުވެފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

މި ދަނޑުގެ މަސައްކަތް ނިންމައި، ރަސްމީކޮށް ހުޅުވުމަށް އާދީއްތަ ދުވަހުގެރޭ ވަނީ އެ ދަނޑުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ. އަދި މި ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި، ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަދި މި ރަސްމިއްޔާތަށްފަހު ދަނޑު ހުޅުވުމުގެ ގޮތުން ކުޅިވަރާ ބެހޭ ވުޒާރާގެ ޓީމަކާއި ކުލަބު ޕީކޭ ޓީމުގެ މެދުގައި ވަނީ ހާއްސަ މެޗެއް ކުޅެފައެވެ. މި މެޗުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފުވެސް ވަނީ ކުޅުއްވާފައެވެ.

ދަނޑު ހުޅުވުމަށްފަހު ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޅި ރާއްޖޭގެ ހުރިހާ ސަރަހެއްދައި ޒުވާނުންގެ ކުރމަގަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ދެއްވާ ހާއްސަ ސަމާލުކަމަށް ޝުކުރުއަދާކުރާ ކަމަށެވެ. އަދި މިއަދަކީ 80 އަހަރަށްވުރެ ގިނަ ދުވަސްވީ ހެންވޭރު އަޑި ޕާކު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތަރައްގީކޮށް ހަވާލުކުރި ދުވަސް ކަމަށްވެސް މި ޓްވީޓުގައި އަނދުން ޙުސައިން ވަނީ ވިދާޅުވެފައެވެ.

މާލެ ސިޓީގައި ހިމެނޭ ލޮނުޒިޔާރާތްކޮޅު ފުޓްސަލް ދަނޑުގައި ޓާފް އެޅިއިރު، ކުޅިވަރާ ބެހޭ ވުޒާރާއިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ފުޓްސަލް ދަނޑުތައް ގާއިމުކުރަމުންނެވެ. އެގޮތުން މިހާތަނަށް ސަރުކާރުން ވަނީ 58 ފުޓްސަލް ދަނޑު ގާއިމުކޮށްފައެވެ.

އަދި ކޮވިޑް-19 އާ ގުޅިގެން ކުޅިވަރާ ބެހޭ ވުޒާރާއަށްވެސް މާލީ ދަތިތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މި އަހަރުގެ ތެރޭގައި އެ ވުޒާރާއިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު މަސީލަތްތައް ގާއިމުކުރުމަށް ގިނަ މަޝްރޫއުތަކެއް ހިންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް