ކ. މާލެ
|
28 ޑިސެންބަރ 2020 | ހޯމަ 11:26
ލިވަޕޫލާއި ވެސްޓް ބްރޮމް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ލިވަޕޫލާއި ވެސްޓް ބްރޮމް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ލިވަޕޫލުގެ މޮޅުވުމުގެ ރިކޯޑު ނިމުމަކަށް، ޓޮޓެންހަމަށްވެސް ޕޮއިންޓެއް
ލިވަޕޫލާއި ވެސްޓް ބްރޮމް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ން
ވުލްވްސް އާއި ޓޮޓެންހަމް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ން

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ވެސްޓް ބްރޮމާ އެއްވަރުވެ، ލިވަޕޫލުން މި ފަހަރު ލީގުގައި އަމިއްލަ ދަނޑުގައި ދަމަހައްޓަމުން އައި ސައްތަ އިން ސައްތަ ރިކޯޑު ނިމުމަކަށް އައިސްފިއެވެ.

ރެލިގޭޝަނުގައި އޮތް ވެސްޓް ބްރޮމާއި ލިވަޕޫލް އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފު އެއްކޮށް ޑޮމިނޭޓުކޮށްގެން ކުޅުނީ ލިވަޕޫލުންނެވެ. އެގޮތުން މި ހާފުގެ ކުރީކޮޅު ލިވަޕޫލުން ވަނީ މެޗުގައި ލީޑު ނަގާފައެވެ. މެޗުގެ 12 ވަނަ މިނެޓުގައި ޖޮއެލް މަޓިޕް ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ސަޑިއޯ މާނޭއެވެ.

މި މެޗުގެ ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި ލިވަޕޫލަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، މި ހާފުގައި ވެސްޓް ބްރޮމުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ ސެމީ އަޖާޔީއެވެ. ވެސްޓް ބްރޮމުން ނަތީޖާ އެއްވަރުކުރުމާއެކު ލިވަޕޫލުން ލީޑު ނެގުމަށް ގިނަ މަސައްކަތްތަކެއް ކުރިއިރު، މެޗުގެ ފަހު ވަގުތުގައި ލިވަޕޫލް މޮޅުކޮށްދޭން ރޮބާޓޯ ފިރްމީނޯ ބޮލުން ޖެހި ބޯޅަ ވެސްޓް ބްރޮމް ގޯލްކީޕަރު ސޭމް ޖޯންސްޓޯން ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި މެޗު އެއްވަރުވުމާއެކު ލިވަޕޫލަށް ވަނީ ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު ގެއްލިފައެވެ. އެހެންކަމުން ތިން ޕޮއިންޓުގެ ލީޑަކާއެކު ތާވަލުގެ އެއްވަނައިގައި ލިވަޕޫލް އޮތީ ކުޅުނު 15 މެޗުން ލިބުނު 32 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި އޮތް އެވަޓަނަށް 15 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ. މީގެ އިތުރުން ލިވަޕޫލާ އެއްވަރުކުރި ވެސްޓް ބްރޮމް އޮތީ ތާވަލުގެ ފުލުން ދެވަނައިގައި 15 މެޗުން އަށް ޕޮއިންޓާއެކުއެވެ.

ވުލްވްސް އާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން

މީގެ އިތުރުން ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ވުލްވްސްއާ އެއްވަރުވެ ޓޮޓެންހަމް ހޮޓްސްޕާވެސް ވަނީ ޕޮއިންޓަކުން ފުއްދާލަން ޖެހިފައެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން 57 ސިކުންތު ތެރޭގައި ޓޮޓެންހަމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޓަންގުއީ އެންޑޮމްބެލޭއެވެ. އޭގެ ފަހުން މި މެޗުގައި ޓޮޓެންހަމުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، ވުލްވްސްއިން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށެވެ. ޕެޑްރޯ ނެޓޯ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަމޮން ސައީސްއެވެ.

މި މެޗުން ޕޮއިންޓެއް ލިބުނު ނަމަވެސް، ޓޮޓެންހަމް ވަނީ ތާވަލުގެ ފަސްވަނައަށް ޖެހިލާފައެވެ. ފަސްވަނައިގައި އޮތް ޓޮޓެންހަމާއި ހަވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 26 ޕޮއިންޓް ލިބިފައިވާއިރު، އެއް މެޗު އިތުރަށް ކުޅެގެން ފައިދާ ލަނޑުން ކުރި ލިބެނީ ޓޮޓެންހަމަށެވެ. އަދި ޓޮޓެންހަމާ އެއްވަރުކުރި ވުލްވްސް އޮތީ ތާވަލުގެ 11 ވަނައިގައި 15 މެޗުން 21 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް