އާސެނަލުގެ ކޯޗުގެ މަގާމުން މިކޭލް އާޓެޓާ ވަކިކުރާނަމަ، އެ ޓީމުގެ ކޯޗަކަށް ލިވަޕޫލުގެ ކުރީގެ ކޯޗު ރަފައެލް ބެނިޓޭޒް ގެންނަން އާސެނަލުގެ ބޯޑު މެންބަރުން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މީގެ ކުރިން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރި އާޓެޓާ އާސެނަލާ ހަވާލުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އާޓެޓާގެ އިރުޝާދުގެ ދަށުން އާސެނަލުން އެފްއޭ ކަޕާއި ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރި ނަމަވެސް، މި ސީޒަނުގައި އެ ޓީމުން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ.
އާޓެޓާއަށް ޕްރެޝަރު ބޮޑުވެފައި ވަނިކޮށް، އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ އާސެނަލުން ވަނީ އަމިއްލަ ދަނޑުގައި 3-1 ން ޗެލްސީ ބަލިކޮށްފައެވެ. މިއީ މިދިޔަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހަށްފަހު ލީގުގައި އާސެނަލުން ހޯދި ފުރަތަމަ މޮޅެވެ.
ރިޕޯޓުތައް ބުނާ ގޮތުން އާސެނަލުގެ ކޯޗުގެ މަގާމުން އާޓެޓާ ވަކިކުރާނަމަ، އެ ޓީމުގެ ކޯޗަކަށް ބެނިޓޭޒް ގެންނަން އާސެނަލުގެ ބޯޑުން މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ. އާސެނަލުން ބެނިޓޭޒަށް ފާރަލަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނިއިރު، އޭނާ މި ވަގުތު އިރުޝާދުދެމުން އަންނަނީ ޗައިނީސް ސުޕަ ލީގުގައި ވާދަކުރަމުން އަންނަ ޑާލިއަން ޕްރޮފެޝަނަލް ފުޓްބޯލް ކުލަބަށެވެ. ލިވަޕޫލަށް 2005 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ބެނިޓޭޒް ވަނީ އިންގްލެންޑުގެ ޗެލްސީ އާއި ނިއުކާސަކް ޔުނައިޓެޑުގެ އިތުރުން ސްޕެއިނުގެ ރެއާލް މެޑްރިޑާއި އިޓަލީގެ އިންޓަ މިލާނުގައިވެސް މަސައްކަތްކޮށްފައެވެ.
އާސެނަލުގެ ކޯޗަކަށް ބެނިޓޭޒް ގެންނަން އެ ޓީމުގެ ބޯޑު މެންބަރުން ބޭނުންވާއިރު، ޔުވެންޓަސްގެ ކުރީގެ ކޯޗު މަސިމިލިއާނޯ އެލެގްރީ މި ވަގުތު ހުރީ ޓީމަކާ ހަވާލުނުވެއެވެ. އަދި ދާދި ފަހުން ޕީއެސްޖީގެ ކޯޗުގެ މަގާމުން ތޯމަސް ޓުޗެލްވެސް ވަކިކޮށްފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެހެންކަމުން މި ދެ ކޯޗުންނަށްވެސް އާސެނަލުން ފާރަލަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.