މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗުގެ މަގާމުން މުޙައްމަދު ނިޒާމް (ނިޒާމްބެ) އިސްތިއުފާދީފިއެވެ.
އާދީއްތަ ދުވަހު މާޒިޔާއިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުލަބުގެ ހެޑް ކޯޗުގެ މަގާމުގައި ހުރި ނިޒާމްބެ، މަގާމުން އިސްތިއުފާ ދިނުމަށް ހުށަހެޅުމާއެކު، އެ ކުލަބުގެ ހިންގާ ބޯޑުން ނިޒާމްބެގެ އިސްތިއުފާ ގަބޫލުކޮށްފައިވާ ކަމަށެވެ. އަދި އެ ކުލަބުގެ ހެޑް ކޯޗުގެ މަގާމުގައި ނިޒާމްބެ ހޭދަކުރި ދުވަސްތަކުގައި، އެ ކުލަބަށް ކޮށްދިން ޚިދުމަތުގެ އަގު ވަޒަންކޮށް، ކުލަބުގެ ޗެއާމަނާއި، އަދި މެނޭޖުމަންޓުގެ ނަމުގައި ޝުކުރު އަދާކުރާ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ނިޒާމްބެގެ ކެރިއަރުގައި ކުރިއަށް އޮތް ތަނުގައިވެސް ކާމިޔާބަށް މާޒިޔާއިން ވަނީ އެދެފައެވެ.
މީގެ އިތުރުން މާޒިޔާގެ ހެޑް ކޯޗުގެ މަގާމަށް އައު ކޯޗެއް އައްޔަންކުރެވެންދެން، އެ ޓީމުގެ ވަގުތީ ކޯޗަކަށް އެސިސްޓަންޓް ކޯޗުގެ މަގާމުގައި ހުރި އަޙްމަދު ސުޒައިރު ހަމަޖައްސާފައިވާ ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.
މާޒިޔާގެ ކޯޗުގެ މަގާމުން ނިޒާމްބެ އިސްތިއުފާދިންއިރު، އެ ޓީމުގެ ކޯޗުގެ މަގާމާ އޭނާ ހަވާލުވެފައިވަނީ މިދިޔަ ޖުލައި 21 ވަނަ ދުވަހުއެވެ. މާޒިޔާ ގޮވައިގެން ނިޒާމްބެ ފުރަތަމަ ނުކުތީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވުމަށް މިމަހުގެ އަށްވަަނަ ދުވަހު ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗަށެވެ. އެ މެޗުގައި މާޒިޔާ ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ދެވަނަ ހާފުގައި ކުލަބު އީގަލްސްއިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައި މުޅިން އަލަށް ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ،
އޭގެ ފަހުން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުން މާޒިޔާ ވަނީ 4-0 ން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށްފައެވެ. އަދި ދެވަނަ މެޗުން ކުލަބު ގްރީން ސްޓްރީޓްސް އަތުން 7-1 ން މޮޅުވިއިރު، ތިންވަަނަ މެޗުން ވެލެންސިއާއާ ލަނޑެއް ނުޖެހި ވަނީ އެއްވަރުވެފައެވެ.
މާޒިޔާގެ ކޯޗުގެ މަގާމުން ނިޒާމްބެ އިސްތިއުފާދިންއިރު، އެ ޓީމު އޮތީ ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައިގައި ހަތް ޕޮއިންޓާއެކުއެވެ. ލީގުގައި ދެން މާޒިޔާއިން މެޗެއް ކުޅޭނީ ޖެނުއަރީ މަހުގެ ތިންވަނަ ދުވަހުގެރެއެވެ. އެރޭ މާޒިޔާ ނުކުންނާނީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.