ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ހޯދުމަށް އޭނާގެ ކުރީގެ ކުލަބު ޔުވެންޓަސްއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އުމުރުން 27 އަހަރުގެ ޕޮގްބާ މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑުގެ އެއްބަސްވުމުގައި ހުރީ އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. އެކަމަކު ޔުނައިޓެޑުން ބޭނުންނަމަ އިތުރު އެއް އަހަރަށް ޕޮގްބާގެ އެއްބަސްވުން އައު ކުރުމުގެ ފުރުސަތު އޮތްއިރު، އެ ފުރުސަތުގެ ބޭނުން ހިފައި 2022 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް ޕޮގްބާ ޔުނައިޓެޑުގައި ބެހެއްޓުމަށް އެ ޓީމުން ވަނީ ނިންމާފައެވެ.
ދާދި ފަހުން ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ ވަނީ ޔުނައިޓެޑުގައި ޕޮގްބާ މިހާރު ހުރީ ހިތްހަަމަޖެހިގެން ނޫން ކަމަށާއި، މީހުން ބޭނުންވާ ވަރަށް އޭނާއަށް މިހާރު ޔުނައިޓެޑުގައި ނުކުޅެވޭ ކަމަށް ބުނެފައެވެ. އަދި އެއީ އޭނާވެސް ކަންބޮޑުވާ ކަމެއް ކަމަށާއި، އެހެންކަމުން ޔުނައިޓެޑް ދޫކޮށް އެހެން ކުލަބަކަށް ޕޮގްބާ ބަދަލުވާން ޖެހޭ ކަމަށްވެސް ބުންޏެވެ. އެއާއެކު ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ޕޮގްބާ ވިއްކާލަން ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން މި ފުރުސަތުގެ ބޭނުން ހިފައި ޕޮގްބާ ގަތުމަށް ޔުވެންޓަސްއިން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ޕޮގްބާ ހޯދުމަށް 50 މިލިޔަން ޕައުންޑް ޚަރަދުކުރަންވެސް ޔުވެންޓަސް ތައްޔާރަށް އޮތް ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
އެކަމަކު ރައިއޯލާ ބުނީ ޖެނުއަރީ މަހު ކުލަބު ބަދަލުކުރުމަކީ ނާޒުކު ކަމެއް ކަމަށާއި، އެހެންކަމުން ޖެނުއަރީގައި ޓީމު ބަދަލުކުރަން ޕޮގްބާއަށް އުނދަގޫވާނެ ކަމަށެވެ. އެހެންކަމުން ޕޮގްބާގެ ޓްރާންސްފާއާ މެދު ގޮތެއް ނިންމާނީ އަންނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ކަމަށްވެސް ރައިއޯލާ މީގެ ކުރިން ވަނީ ބުނެފައެވެ.
މީގެ ކުރިން އެތައް ފަހަރަކު ޔުނައިޓެޑް ދޫކޮށްލަން ޕޮގްބާ މަސައްކަތް ކޮށްފައިވާއިރު، ޔުވެންޓަސްގެ އިތުރުން ރެއާލް މެޑްރިޑުންވެސް އަންނަނީ ޕޮގްބާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އަދި މީގެ ކުރިން ޕޮގްބާ ވަނީ ކޮންމެވެސް ދުވަހަކުން ރެއާލް މެޑްރިޑަށް ކުޅުމަކީ ދެކެމުން އަންނަ ހުވަފެނެއް ކަމަށްވެސް ބުނެފައެވެ.
ޔުނައިޓެޑުން 2010 ވަނަ އަހަރު ކެރިއަރު ފެށި ޕޮގްބާ މީގެ ކުރިން ވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ޔުވެންޓަސްއަށް ބަދަލުވެ އެ ޓީމުގައި ހަތަރު ސީޒަން ހޭދަކޮށްފައެވެ. އެ މުއްދަތުގައި ޕޮގްބާ ވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ލީގު ހަތަރު ފަހަރު އަދި އިޓާލިއަން ކަޕާއި އިޓާލިއަން ސުޕަ ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.