ކޮވިޑް-19ގެ ސަބަބުން މާބޮޑު ހަރަކާތެއް ނެތި، ގޭމްސްތައް ފަސްވުމުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ން މި އަހަރު ކުޑަ ބަޖެޓެއް ފާސްކުރި ނަމަވެސް، އަންނަ އަހަރުގެ އޭޕްރީލް މަސް ނިމުމުގެ ކުރިން ބާއްވާ އެމްއޯސީގެ އަހަރީ އާންމު ޖަލްސާގައި ފުރިހަމަ ބަޖެޓެއް ފާސްކުރެވިގެންދާނެ ކަމަށް އެ ކޮމިޓީން ބުނެފިއެވެ.
ކޮވިޑުގެ ސަބަބުން އަހަރީ އާންމު ޖަލްސާ ބޭއްވުން ފަސްވި ނަމަވެސް ހޮނިހިރު ދުވަހު ވަނީ އެމްއޯސީގެ އަހަރީ އާންމު ޖަލްސާ އޮންލައިންކޮށް ކުރިއަށް ގެންގޮސްފައެވެ. އަދި މި ޖަލްސާގާއި އެމްއޯސީން ވަނީ މި އަހަރަށް 3.5 މިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ. މިއީ މިހާތަނަށް އެމްއޯސީން ފާސްކުރި އެންމެ ކުޑަ ބަޖެޓެވެ.
އަހަރީ އާންމު ޖަލްސާއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް (މަރޭ) ވިދާޅުވީ އެމްއޯސީން އާންމުކޮށް އެންމެ ބޮޑު ހޭދައެއް ކުރަނީ ގޭމްސްތަކަށް ކަމަށާއި، އެހެން ނަމަވެސް މި އަހަރު ކޮވިޑުގެ ސަބަބުން އެއްވެސް ގޭމްސްއެއް ނެތުމުން ބަޖެޓް ކުޑަވީ ކަމަށެވެ. އަދި އާންމުކޮށް ބައިނަލްއަގުވާމީ ޕްރޮގްރާމުތައް ފަށަނީ އޮލިމްޕިކް ގޭމްސްއަށްފަހު ކަމަށާއި، އެކަމަކު މިއަހަރު ބާއްވަން އޮތް އޮލިމްޕިކް ގޭމްސް އަންނަ އަހަރަށް ފަސްކުރުމުން އެކަހަލަ ޕްރޮގްރާމެއްވެސް ނެތް ކަމަށް މަރުޒޫގް ވިދާޅުވިއެވެ.
މަރުޒޫގް ވިދާޅުވީ އޮލިމްޕިކް ސޮލިޑާރިޓީ މެދުވެރިކޮށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީން ދޭ ތަމްރީނާއި އެހެނިހެން ޕްރޮގްރާމުތަކުގެ ތަފުސީލް އަންނަ އަހަރުގެ އޭޕްރީލް މަހު ލިބޭނެ ކަމަށާއި، އެހެންކަމުން އޭޕްރީލް ނިމުމުގެ ކުރިން އެމްއޯސީން ބާއްވާ އަންނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ފުރިހަމަ ބެޖެޓެއް ފާސްކުރެވިގެންދާނެ ކަމަށެވެ.
އެމްއޯސީގެ މިދިޔަ އަހަރުގެ ޚަރަދަށް ހިނގާފައިވަނީ 16.6 މިލިޔަން ރުފިޔާއެވެ. އެ ޚަރަދުތައް މައިގަނޑު ގޮތެއްގައި ހިނގާފައި ހުރީ ގޭމްސްތަކަށެވެ. އޭގެ ތެރެއިން 12 މިލިޔަން ރުފިޔާއަކީ ސަރުކާރުން ގޭމްސްތަކުގައި ބައިވެރިވާން ކޮށްފައިވާ ޚަރަދުތަކެވެ.