ކ. މާލެ
|
27 ޑިސެންބަރ 2020 | އާދީއްތަ 12:24
ކުޅިވަރުގެ ދާއިރާއިން ‏‏ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި މުޙައްމަދު ސަޢީދު
ކުޅިވަރުގެ ދާއިރާއިން ‏‏ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި މުޙައްމަދު ސަޢީދު
ރައީސް އޮފީސް
ޝަރަފުވެރިކަމުގެ ގައުމީ އިނާމު
ކުޅިވަރުގެ ދާއިރާއިން ‏‏ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށް
މި ތިން ބޭފުޅުންނަކީ މުޙައްމަދު ސަޢީދާއި، ޙުސައިން ރަޝީދު ޙަސަން އަދި އަޙްމަދު ލަޠީފް
މި އިނާމު ރައީސް ދެއްވީ ހޮނިހިރު ދުވަހުގެރޭ ބޭއްވި ރަސްމީ ޖަލްސާގައި

ކުޅިވަރުގެ ދާއިރާއިން ‏‏ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ.

މި އިނާމު ރައީސް ދެއްވީ ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ރަސްމީ ޖަލްސާގައެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިލެއްވި ބޭފުޅުން:

1. މުޙައްމަދު ސަޢީދު

ސަޢީދަކީ ރާއްޖޭގައި އުފެދުނު ރެފުރީންގެ ތެރެއިން އެންމެ ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ފުޓްބޯޅަ ރެފުރީއެއްގެ ގޮތުގައި ސަޢީދު ދަނޑަށް ނުކުމެވަޑައިގަތީ 1979 ވަނަ އަހަރެވެ. މަރްހޫމް މުހައްމަދު ޒާހިރު ނަސީރު ކިޔަވައިދިން ކޯހަކުން ފާސްވެ ރެފުރީންގެ ތެރެއަށް ނުކުމެ 1993 ވަނަ އަހަރު ފީފާ ބެޖް ހޯދި ސައީދު ވަނީ 2002 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕުގައި އެސިސްޓެންޓް ރެފުރީއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އެއާއެކު ސައީދު ވެފައިވަނީ ވޯލްޑް ކަޕެއްގައި އިންސާފުކުރި ހަމައެކަނި ދިވެހި ރެފުރީއަށެވެ.

މީގެ އިތުރުން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރެފުރީސް އިންސްޓްރަކްޓަރެއްގެ ގޮތުންނާއި، އަމިއްލައަށް އިސްނަންގަވައިގެން ރާއްޖޭގެ ގިނަ ރެފުރީންތަކެއް ތަމްރީނުކުރައްވާ، ރެފުރީންގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ސަޢީދު ގެންދަވަނީ ކުރައްވަމުނެވެ. 2002 ވަނަ އަހަރު ސަޢީދަށް ވަނީ ކުޅިވަރަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން އާންމު ޚދިުމަތުގެ ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ކުޅިވަރުގެ ދާއިރާއިން ‏‏ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ޙުސައިން ރަޝީދު ޙަސަން

2. ޙުސައިން ރަޝީދު ޙަސަން

ޙުސައިން ރަޝީދަކީ ރާއްޖޭގައި އުފެދުނު ބެޑްމިންޓަން ކުޅުންތެރިންގެ ތެރެއިން ރަން ވަނަތަކެއް ހާސިލުކުރައްވާފައިވާ، މިހާރުވެސް ކޯޗެއްގެ ގޮތުން ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ބެޑްމިންޓަން ކުޅުއްވަން އެންމެ ފުރަތަމަ ފެއްޓެވީ އުމުރުން އެންމެ 13 އަހަރުގައެވެ. އޭގެ ފަހުން މެދުނުކެނޑި 45 އަހަރު ބެޑްމިންޓަން ކުޅުންތެރިއެއްގެ ގޮތުގައި ކުޅިވަރުގެ މައިދާނުން ޙުސައިން ރަޝީދު ފެނިގެންދިޔައެވެ. ޙުސައިން ރަޝީދަކީ ކުޅިވަރުގެ ދާއިރާއިން ހިލޭސާބަހަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްދެއްވައި، ކޯޗުން ތަމްރީނުކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގައި ބެޑްމިންޓަން ތަޢާރަފުވެ މިއަދާހަމަށް އައިރު ބެޑްމިންޓަން މަޝްހޫރުވި ގިނަ ކުޅުންތެރިންނަކީ ޙުސައިން ރަޝީދުގެ ދަރިވަރުންނެވެ.

ކުޅިވަރުގެ ދާއިރާއިން ‏‏ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި އަޙްމަދު ލަޠީފް

3. އަޙްމަދު ލަޠީފް

އަޙްމަދު ލަޠީފަކީ 1972 ވަނަ އަހަރުން ފެށިގެން ތަފާތު ގިނަ ކުޅިވަރުތަކެއް ކުޅުއްވައި، ގައުމީ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ބޭފުޅެކެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަވަގެންދިޔަ ކުޅިވަރަކީ ޓޭބަލް ޓެނިހެވެ. ޓޭބަލް ޓެނިހުން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ރަން ވަނަތަކެއް ލަޠީފް ހާސިލުކުރެއްވިއިރު، އޭގެ ތެރޭގައި ގައުމީ ޓޭބަލް ޓެނިސް މުބާރާތްތަކުގެ ސިންގަލްސް އާއި ޑަބަލްސް އަދި ޓީމު އިވެންޓުތަކުން ގިނަ އަހަރުތަކެއްގެ ޗެމްޕިއަންކަން ވަނީ ހޯއްދަވާފައެވެ.

ރާއްޖެއިން ބޭރުގައި ޑިޕްލޮމެޓެއްގެ ގޮތުން ކުރިން ޚިދުމަތް ކުރިއިރުވެސް، އަދި މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވާއިރުވެސް، ރާއްޖޭގައި ޓޭބަލް ޓެނިސް ކުރިއަރުވައި ތަރައްގީކުރުމަށާއި، އެ ރޮނގުން ރާއްޖެއިން ބޭރުން އެކިއެކި އެހީތަކާއި ފުރުސަތުތައް ރާއްޖެއަށް ހޯއްދަވައިދެއްވުމަށް ލަޠީފް ކުރައްވާފައިވާ މަސައްކަތްތަކާއި އަދި ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް