އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ލެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ލެސްޓާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުނައިޓެޑުންނެވެ. މެޗުގެ 23 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑެވެ. މިއީ އުމުރުން 23 އަހަރުގެ ފޯވާޑް ޕްރިމިއާ ލީގުގައި ކާމިޔާބުކުރި 50 ވަނަ ލަނޑެވެ. އެކަމަކު އޭގެ އަށް މިނެޓު ފަހުން ލެސްޓާއިން ވަނީ މި މެޗުގައި ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހާވީ ބާންސްއެވެ.
މި މެޗުގައި ޔުނައިޓެޑުން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗު ނިމެން 11 މިނެޓަށް ވެފައި ވަނިކޮށެވެ. އެޑިންސަން ކަވާނީ ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ފެނާންޑޭސްއެވެ. އެކަމަކު އޭގެ ހަ މިނެޓު ފަހުން ލެސްޓާއިން ވަނީ އަލުން މި މެޗުގައި ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ ޔުނައިޓެޑުގެ ޑިފެންޑަރު އެކްސްލް ޓުއަންޒެބޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި މެޗު އެއްވަރުވުމާއެކު ޔުނައިޓެޑަށް ވަނީ ތާވަލުގެ ދެވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލިފައެވެ. މި ނަތީޖާއާއެކު ތާވަލުގެ ދެވަނައިގައި އޮތް ލެސްޓާއަށް 15 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޔުނައިޓެޑަށް 14 މެޗުން ލިބިފައިވަނީ 27 ޕޮއިންޓެވެ. އަދި އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލަށް ވަނީ 14 މެޗުން 31 ޕޮއިންޓް ލިބިފައެވެ.