ކ. މާލެ
|
26 ޑިސެންބަރ 2020 | ހޮނިހިރު 18:33
ގްރީން ސްޓްރީޓްސް އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ގްރީން ސްޓްރީޓްސް އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގު
ޔޫވީން ފަހު ވަގުތު ގްރީން ސްޓްރީޓްސްއާ އެއްވަރުކޮށްފި
ގްރީން ސްޓްރީޓްސް އާއި ޔޫވީ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ން
ގްރީން ސްޓްރީޓްސް އާއި ޔޫވީއަށް މިހާތަނަށް ލިބިފައިވަނީ އެންމެ ޕޮއިންޓެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ފަހު ވަގުތު ކުލަބު ގްރީން ސްޓްރީޓްސްއާ އެއްވަރުކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، މި ހާފުގައި ގްރީން ސްޓްރީޓްސްއިން ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ ކުރީކޮޅު ގްރީން ސްޓްރީޓްސްގެ ޒުވާން ފޯވާޑް އަބްދުﷲ ޔާމީން ދެ ހަމަލާއެއް ފޮނުވާލިއިރު، މި ދެ ހަމަލާވެސް ޔޫވީގެ ގޯލްކީޕަރު ރުސްލާން އާމިރޯފް ވަނީ ދިފާއުކޮށްފައެވެ. އޭގެ ފަހުން މެޗުގެ 34 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްގެ ފޯވާޑް ހަސަން ނަޒީމް (ޗޯޓު) އޭރިއާ ތެރެއިން ހަމަލާއެއް އުފެއްދި ނަމަވެސް، މި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ވަރަށް ކުރީކޮޅު ގްރީން ސްޓްރީޓްސްގެ މިޑްފީލްޑަރު ޚަލީލް ޖަމާލަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އެކަމަކު މެޗުގެ 53 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްއިން ވަނީ ލީޑު ނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އެންޖެލް މުނޯޒެވެ. މިއީ އެރިއާ ތެރެއިން ގްރީން ސްޓްރީޓްސްގެ ޚަލީލަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

އޭގެ ފަހުން މި މެޗުގެ 75 ވަނަ މިނެޓުގައި ޔޫވީގެ މިޑްފީލްޑަރު އަނަޓޯލީ ވްލަސީޗޭވް ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. މި މެޗުގައި ޔޫވީން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. އިސްމާޢީލް އީސަ (މެސީ) ދިން ޕާހަކުން މި ލަނޑު ޔޫވީއަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފޯވާޑް އަލީ ހައިޝަމް (ޗުމްޕު) އެވެ.

މި މެޗު އެއްވަރުވުމާ ގުޅިގެން ތާވަލުގެ ފުލުގައި އޮތް ގްރީން ސްޓްރީޓްސް އާއި ޔޫވީއަށްވެސް މިހާތަނަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ލީގުގައި މީގެ ކުރިން މި ދެ ޓީމުން ކުޅުނު ފުރަތަމަ ދެ މެޗުންވެސް ވަނީ ބަލިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް