ކ. މާލެ
|
26 ޑިސެންބަރ 2020 | ހޮނިހިރު 10:05
ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު މުޙައްމަދު އާދަމް
ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު މުޙައްމަދު އާދަމް
އެފްއޭއެމް
ގްރީން ސްޓްރީޓްސް އާއި ޔޫވީގެ މެޗު
ޔޫވީއަށް އަދި މާ ބޮޑު ޕްރެޝަރެއް ނެތް: އާދަމް
ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުންވެސް ޔޫވީ އާއި ގްރީން ސްޓްރީޓްސް ވަނީ ބަލިވެފައި
ގްރީން ސްޓްރީޓްސް އާއި ޔޫވީ ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގައި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް ބަލިވި ނަމަވެސް، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް އަދި މާ ބޮޑު ޕްރެޝަރެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު އާދަމް ބުނެފިއެވެ.

ލީގުގައި ކުޅުނު ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 4-0 ން ޔޫވީ ބަލިވިއިރު، ދެވަނަ މެޗުގައި ވަނީ ކުލަބު ވެލެންސިއާ އަތުން 4-0 ން ބަލިވެފައެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫވީގެ ކޯޗު އާދަމް ބުނީ ލީގުގައި މިހިސާބަށް އައިރު ވަކި ބަޔަކަށް އަދި ފުރުސަތު ގެއްލިފައި ނެތް ކަމަށެވެ. އަދި ޔޫވީން މިހާތަނަށް ކުޅުނު ދެ ޓީމަކީ ލީގުގައި އެންމެ ވަރުގަދަ ސްކޮޑެއް އޮތް ވެލެންސިއާ އާއި މާޒިޔާ ކަމަށާއި، އެހެންކަމުން އެ މެޗުގެ ނަތީޖާތަކާ ގުޅިގެން އަދި އެއްވެސް ޕްރެޝަރެއް ކުރިމަތިނުވާ ކަމަށްވެސް އާދަމް ބުންޏެވެ.

އާދަމް އިތުރަށް ބުނީ ވަރުގަދަ ދެ ޓީމާ ދެކޮޅަށް ކުޅެ ބަލިވުމުން އެ ހިސާބުން އެހެން ގޮތަކަށް ވިސްނުން ބަދަލެއް ނުވާނެ ކަމަށާއި، އަމާޒަކީ ކޮންމެ މެޗަކުން ވެސް މޮޅުވުން ކަމަށެވެ. އަދި ދެވަނަ ބުރުގައި މާޒިޔާ އާއި ވެލެންސިއާވެސް ޔޫވީއަށް ބަލިކުރެވޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު

ޔޫވީ މެޗުގެ ކުރިން ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު ބުނީ ޔޫވީގެ ސްކޮޑަކީ ޕްރިމިއާ ލީގުގެ ތިންވަނައަށް އެންމެ ބޮޑު ސްކޮޑް ކަމަށާއި، އެހެންކަމުން އެ ޓީމުގައި އޮތީ ވަރަށް ރަނގަޅު ސްކޮޑެއް ކަމަށެވެ. އަދި އެ ޓީމުން މިހާތަނަށް ކުޅެފައިވަނީ ފަސޭހަ މެޗުތަކެއް ނޫން ކަމަށާއި، އެހެންކަމުން ޔޫވީއާ ދެކޮޅަށް ނުކުންނައިރު މެޗު ފަސޭހަކޮށް ނުނެގޭނެ ކަމަށްވެސް ބުންޏެވެ.

ނިސްތާރު އިތުރަށް ބުނީ އަނިޔާގެ މައްސަލަތަކެއް ގްރީން ސްޓްރީޓްސް އަށް ދިމާވެފައިވީ ނަމަވެސް، ބަދަލުގައި ކުޅޭ ކުޅުންތެރިންނަށް އިތުބާރު އެބައޮތް ކަމަށެވެ. އަދި މި މެޗަށް ނުކުންނައިރު މޮޅުވުމުގެ ޕްރެޝަރު އޮތީ ދެ ޓީމަށް ވެސް ދާދި އެއްވަރަށް ކަމަށްވެސް ވަނީ ބުނެފައެވެ.

ޔޫވީއެކޭ އެއްފަދައިން ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުންވެސް ގްރީން ސްޓްރީޓްސްވެސް ވަނީ ބަލިވެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ވެލެންސިއާ އަތުން 1-0 ން ބަލިވިއިރު، ދެވަނަ މެޗުން މާޒިޔާ އަތުން 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ގްރީން ވަނީ ބަލިވެފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސް އާއި ޔޫވީ ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް