ކ. މާލެ
|
25 ޑިސެންބަރ 2020 | ހުކުރު 23:33
ޓީސީ އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ޓީސީ އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގު
ޓީސީ އާއި ސަސްގެ ކުރިމަތިލުން އެއްވަރު
ޓީސީ އާއި ސަސް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ން
ސަސްއަށް ފަސް ޕޮއިންޓް ލިބުނުއިރު، ޓީސީއަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކުލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެއްވަރުވެއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ސަސްގެ ޑިފެންޑަރު އަޙްމަދު އައިހަމަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެގޮތުން މެޗުގެ އަށްވަނަ މިނެޓުގައި އޭރިއާ ތެރެއިން އައިހަމް ފޮނުވާލި ހަމަލާ ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ. އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން ޓީސީން ވަނީ މި މެޗުގައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް ސާވީއެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފު ނިމުމުގެ ކުރިން ސަސްއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 34 ވަނަ މިނެޓުގައި ޖަޕާނުގެ ފޯވާޑް އަޓްސުޝީ ޔޮނެޒޭވާ ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) އެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް ދެ ޓީމަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން މި ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި ސްޕެއިނުގެ ފޯވާޑް ވިކްޓޯ ރޮޑްރިގޭޒަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއިރު، އޭގެ ހަ މިނެޓު ފަހުން ޓީސީގެ ކެޕްޓަން މުޙައްމަދު އައްޒާމް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

އޭގެ ފަހުން މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޓީސީއަށް ވަލީ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އެ ޓީމުގެ އައްޒާމް ފޮނުވާލި ހަމަލާއެއް ސަސްގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް މަތަކުރިއިރު، ރިބައުންސް ބޯޅައިގައި ޓީސީގެ އަޙްމަދު ނަޝާހް ފޮނުވާލި ބޯޅަވެސް ސަސްގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މި ނަތީޖާއާއެކު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރަމުން އަންނަ ސަސްއަށް ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ފަސް ޕޮއިންޓް ލިބިފައެވެ. އަދި ޓީސީއަށް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް