ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހުކުރު ދުވަހުގެ ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ އެއްވަރުކޮށް، ލީގުގެ ފުރަތަމަ ޕޮއިންޓް ކުލަބު އީގަލްސްއިން ހޯދައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އަނިޔާއިން ރަނގަޅުވެ އީގަލްސްގެ ހުނަރުވެރި ފޯވާޑް އަޙްމަދު ރިޒުވާން (ރިޒޭ) ވަނީ ކުޅެފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، މި ހާފުގައި އީގަލްސްގެ ކުޅުންތެރިންނަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އެ ޓީމުގެ ހަސަން ރާއިފް އަޙްމަދު (ހަންނަ) އާއި ރިޒޭއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.
މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ދެވަނަ ހާފުގެ ވަރަށް ކުރީ ކޮޅު އީގަލްސްގެ ގޯލްކީޕަރަށް ހެދުނު ގޯހުގެ ފައިދާ ނަގައި ދަ ގްރާންޑޭއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު މެޗުގެ 59 ވަނަ މިނެޓުގައި ދަ ގްރާންޑޭއަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުޙައްމަދު ސަޚާއުއެވެ.
މި ލަނޑާއެކު އީގަލްސްއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ދަ ގްރާންޑޭގެ ގޯލަށް ފުލުފުލުގައި ހަމަލާ އުފައްދާފައެވެ. އެގޮތުން މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އީގަލްސްއަށް ނަތީޖާ އެއްވަރުކޮށްދިނީ ރިޒޭއެވެ.
މެޗަށްފަހު ވާހަކަދައްކަމުން އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނީ މެޗުގައި އީގަލްސް ކުޅުންތެރިންގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔަ ކަމަށާއި، އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި އީގަލްސް ކުޅުންތެރިން ގިނަ މިސް ޕާސްތަކެއް ޖެހި ކަމަށެވެ. އެކަމަކު ދެވަނަ ހާފުގައި ދަ ގްރާންޑޭއިން ލަނޑު ޖެހުމާއެކު އީގަލްސްއިން ދެއްކި ކުޅުމާއި މެދު ހިތްހަމަޖެހޭ ކަމަށްވެސް މޯހަން ބުންޏެވެ.
ދަ ގްރާންޑޭގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ) ބުނީ މެޗުން ޕޮއިންޓެއް ލިބުމުން އެކަމާ ހިތްހަމަޖެހޭ ކަމަށާއި، އެހެން ނަމަވެސް ދަ ގްރާންޑޭ ކުޅުންތެރިންނަށް ލިބޭ ފުރުސަތުތައް އަދިވެސް އެންމެ އެކަށޭނެހެން ބޭނުން ނުކުރެވޭކަން ފާހަގަކުރެވުނު ކަމަށެވެ. އަދި ކުރިއަށް ހުރި މެޗުތަކުގައި އެ ކަންކަން ރަނގަޅުވާނެ ކަމަށްވެސް އިންމަ ބުންޏެވެ.
މި މެޗުން އީގަލްސްއަށް ޕޮއިންޓެއް ލިބުނުއިރު، މިއީ މި ފަހަރުގެ ލީގުގައި އީގަލްސްއަށް ލިބުނު ފުރަތަމަ ޕޮއިންޓެވެ. މީގެ ކުރިން ކުޅުނު ދެ މެޗުންވެސް އީގަލްސް ވަނީ ބަލިވެފައެވެ. އަދި ދަ ގްރާންޑޭއިން ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ފަސް ޕޮއިންޓް ހޯދާފައެވެ.