މި ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ހޯދަން ބަލާއިރު، ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެން އޮތް މެޗަކީ މަރުގެ މެޗެއް ކަމަށް ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
މި ސީޒަނުގެ ޗެރިޓީ ޝީލްޑް އުފުލާލި އީގަލްސް ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުންވެސް ވަނީ ބަލިވެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި މި ފަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 1-0 ން އީގަލްސް ބަލިވިއިރު، ދެވަނަ މެޗުގައި ޓީސީ ސްޕޯޓްސް ކުލަބު އަތުން ވަނީ 2-0 ން ބަލިވެފައެވެ.
ލީގުގައި ހުކުރު ދުވަހުގެ ހަވީރު ދަ ގްރާންޑޭއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބުނީ މިދިޔަ އަހަރު އީގަލްސްއަށް ލީގު ނުލިބި ދިޔައީ އެންމެ ދެ މެޗުން ބަލިވެގެން ކަމަށެވެ. އަދި މި ފަހަކަށް އައިސް ލީގުގައި ތަފާތު ބޮޑުކޮށް ވާދަކުރާތަން ފެންނަނީ ދެ ޓީމެއް ކަމަށާއި، އެހެންކަމުން މިފަދަ ލީގެއްގައި ތިން މެޗުން ބަލިވެއްޖެނަމަ، ލީގު ހޯދުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވާނެ ކަމަށްވެސް މޯހަން ބުންޏެވެ.
މިކަމާ ގުޅީގެން ކުރިއަށް އޮތް ދަ ގްރާންޑޭ އީގަލްސްއަށް މަރުގެ މެޗެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން މޯހަން ބުނީ ލީގު ހޯދަން ބަލާއިރު މި މެޗަކީ އޭގެ މެޗެއް ކަމަށް ގަބޫލުކުރާ ކަމަށް ބުނެފައެވެ. އެގޮތުން ޖެހިޖެހިގެން ތިން މެޗުން ބަލިވުމުން ލީގު ކާމިޔާބުކުރެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށްވެސް މޯހަން ބުންޏެވެ.
އީގަލްސް މެޗުގެ ކުރިން ދަ ގްރާންޑޭގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ) ބުނީ އީގަލްސްއެކޭ އެއްފަދައިން މި މެޗަކީ މި ސީޒަނަށް ކަނޑައެޅި ޓާގެޓަށް ވާސިލުވުމަށް ދަ ގްރާންޑޭއަށްވެސް ވަރަށް މުހިންމު މެޗެއް ކަމަށެވެ. އަދި ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް އީގަލްސް ބަލިވި ނަމަވެސް، އެ ޓީމުގެ ނަތީޖާތަކާ ދޭތެރޭ ނުވިސްނާ ކަމަށާއި، މި މެޗާ ކުރިމަތިލާއިރު އެ ޓީމު އާދައިގެ ގޮތަކަށް ނުނަގާނެ ކަމަށްވެސް އިންމަ ބުންޏެވެ.
އިންމަ އިތުރަށް ބުނީ މެޗަށް ނުކުންނާނީ އިދިކޮޅަށް ނުކުންނަ ޓީމަށާއި އެ ޓީމުގެ ކުޅުންތެރިންނަށް ފުރިހަމައަށް އިހުތިރާމުކޮށްގެން ކަމަށާއި، ދަ ގްރާންޑޭގެ އަމާޒަކީ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް މެޗުން ރަނގަޅު ނަތީޖާއެއް ނެރުން ކަމަށެވެ.
މިހާތަނަށް ލީގުގައި ދަ ގްރާންޑޭއިން ދެ މެޗެއް ކުޅެފައިވާއިރު، އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ޓީސީ ސްޕޯޓްސް ކުލަބު އަތުން 3-0 ން މޮޅުވެފައެވެ. އަދި ދެވަނަ މެޗުގައި ސަސް އާއި ދަ ގްރާންޑޭ ވަނީ 1-1 ން އެއްވަރުވެފައެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އާއި ދަ ގްރާންޑޭ ބައްދަލުކުރާ މެޗު ފަށާނީ ހުކުރު ދުވަހުގެ ހަވީރު 16:00 ގައެވެ.