އިޓާލިއަން ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުތަކުން އޭސީ މިލާނާއި އިންޓަ މިލާނުވެސް މޮޅުވެއްޖެއެވެ.
އެއްވަނައިގައި އޮތް މިލާން މޮޅުވީ އަމިއްލަ ދަނޑުގައި ލާޒިއޯ އަތުން ފަހު ވަގުތު 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުން މިލާން މޮޅުވިއިރު، ޔޫރަޕުގެ ބޮޑު ފަސް ލީގުގައި މެޗަކުން ބަލިނުވެ މިހާރު އޮތް ހަމައެކަނި ޓީމަކީވެސް މިލާނެވެ.
ބުދަ ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން ވަރަށް ކުރީކޮޅު މިލާނުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި އަންޓެ ރެބިޗް މިލާނަށް ލީޑު ނަގައިދިންއިރު، އޭގެ ހަތް މިނެޓު ފަހުން ޕެނަލްޓީއަކުން ހަކަން ޗަނޮނޮގްލޫ ވަނީ މިލާނަށް ލީޑު ފުޅާކޮށްދީފައެވެ. އޭގެ ފަހުން މެޗުގެ 28 ވަނަ މިނެޓުގައި ލާޒިއޯއަށްވެސް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ލާޒިއޯގެ ޗީރޯ އިމޮބިލޭ ފޮނުވާލި ޕެނަލްޓީ މިލާނުގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ މަތަކުރި ނަމަވެސް، ލުއިސް އަލްބާޓޯ ވަނީ ރިބައުންސް ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައި، އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލާޒިއޯއިން ނަތީޖާ އެއްވަރުކުރީ މެޗުގެ 59 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިމޮބިލޭއެވެ. އެކަމަކު މި މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ތެއޯ ހެނާންޑޭޒް ވަނީ ލަނޑެއް ޖަހާ މި މެޗުން މިލާން މޮޅުކޮށްދީފައެވެ.
މީގެ އިތުރުން ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން އިންޓަ މޮޅުވީ ރަށުން ބޭރުގައި ހެލަސް ވެރޯނާ އަތުން 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި އިންޓައިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލަޓާރޯ މާޓިނޭޒެވެ. އެކަމަކު މެޗުގެ 63 ވަނަ މިނެޓުގައި އިވާން އިލިސިޗް ވަނީ ވެރޯނާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުން އިންޓަ މޮޅުވީ އޭގެ ހަ މިނެޓު ފަހުން މިލާން ސްކްރިނިއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި ނަތީޖާތަކާއެކު އިޓާލިއަން ލީގުގެ އެއްވަނައިގައި މިލާން އޮތީ ކުޅުނު 14 މެޗުން 34 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި އޮތް އިންޓައަށް 14 މެޗުން ވަނީ 33 ޕޮއިންޓް ލިބިފައެވެ.