އާސެނަލުގެ ކޯޗުގެ މަގާމުން މިކޭލް އާޓެޓާ ވަކިކުރުމަކީ އެ ޓީމުން ހަދާނެ ބޮޑު ގޯހެއް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
މީގެ ކުރިން ސިޓީގައި ގާޑިއޯލާގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރި އާޓެޓާ އާސެނަލާ ހަވާލުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އާޓެޓާގެ އިރުޝާދުގެ ދަށުން އާސެނަލުން އެފްއޭ ކަޕާއި ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރި ނަމަވެސް، މި ސީޒަނުގައި އެ ޓީމުން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުންވެސް އާސެނަލަށް މޮޅެއް ހޯދިފައި ނުވާއިރު، އެ ޓީމު އޮތީ ޕްރިމިއާ ލީގުގެ 15 ވަނައިގައި ކުޅުނު 14 މެޗުން ލިބުނު 14 ޕޮއިންޓާއެކުއެވެ. އަދި އަންގާރަ ދުވަހުގެރޭ އިނގިރޭސި ލީގު ކަޕުގެ ކުއާޓާފައިނަލް މެޗުން ސިޓީ އަތުން 4-1 ން ބަލިވެ އާސެނަލް ވަނީ މުބާރާތުން ކަޓާފައެވެ.
މި ނަތީޖާއާއެކު އާޓެޓާއަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ. އާސެނަލުގެ ކޯޗުގެ މަގާމުން އާޓެޓާ ވަކިކުރުމުގެ ވާހަކަތައް މީޑިއާގައި ދެކެވުނު ނަމަވެސް، އަންގާރަ ދުވަހުގެރޭގެ މެޗަށްފަހު ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ މިއީ އާސެނަލުން އާޓެޓާއަށް އޮތް އިތުބާރު ދަމަހައްޓަންވީ ވަގުތު ކަމަށާއި، މި ވަގުތު އޭނާއަށް އެހީތެރިކަން ފޯރުކޮށްދީގެން އެ ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ފެންވަރު އާޓެޓާގައި އެބަހުރި ކަމަށެވެ. އެހެންކަމުން މި ދަނޑިވަޅުގައި އާސެނަލުގެ ކޯޗުގެ މަގާމުން އާޓެޓާ ވަކިކުރުމަކީ އެ ޓީމުން ހަދާނެ ބޮޑު ގޯހެއް ކަމަށްވެސް ގާޑިއޯލާ ބުންޏެވެ.
މީގެ ކުރިންވެސް އާޓެޓާ ވަނީ އާސެނަލުގެ މެނޭޖުމަންޓުގެ ފުރިހަމަ އެއްބާރުލުން އޭނާއަށް ލިބެމުން އަންނަ ކަމަށް ބުނެފައެވެ. ސިޓީ އަތުން ބަލިވި މެޗަށްފަހު އާޓެޓާ ބުނީ އޭނާ އާއި އޭނާގެ ޓީމަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ މި ހާލަތު ބަދަލުކުރުމަށް މަސައްކަތް ކުރުން ކަމަށާއި، އަދި މި ހާލަތު ބަދަލުކުރޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އަދި މި ނަތީޖާތަކާ ގުޅިގެން އާސެނަލުގެ ކޯޗުގެ މަގާމުން އިސްތިއުފާ ދިނުމަށް އެއްވެސް ވަރަކަށް ނުވިސްނާ ކަމަށްވެސް އާޓެޓާ ވަނީ ބުނެފައެވެ.
އާޓެޓާއަށް އާސެނަލުގެ ސަޕޯޓަރުންގެ ނުރުހުން އަމާޒުވެފައި ވާއިރު، އެ ޓީމު ވަނީ މި ސީޒަނުގެ ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުން ޖާގައެއް ހޯދާފައެވެ. ޕްރިމިއާ ލީގުގައި އާސެނަލުން ދެން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެރެއެވެ. އެރޭ އަމިއްލަ ދަނޑުގައި އާސެނަލް ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.