މި ސީޒަނުގެ އިޓާލިއަން ލީގުގައި ފުރަތަމަ ފަހަރަށް މެޗަކުން އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ބަލިވެއްޖެއެވެ.
ޔުވެންޓަސް ބަލިވީ އަންގާރަ ދުވަހުގެރޭ އެކަކު މަދުކޮށް ކުޅެ އަމިއްލަ ދަނޑުގައި ފިއޮރެންޓީނާ އަތުން 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން ޔުވެންޓަސް ބަލިވުމާއެކު، ޔޫރަޕުގެ ބޮޑު ފަސް ލީގުގައި މެޗަކުން ބަލިނުވެ މިހާރު އޮތް ހަމައެކަނި ޓީމަކީ އޭސީ މިލާނެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ފިއޮރެންޓީނާއިން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ތިންވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑުއާން ވްލަހޮވިޗެވެ. އޭގެ ފަހުން މި މެޗުގައި ޔުވެންޓަސްއަށް މައްސަލަ ދިމާވީ 18 ވަނަ މިނެޓުގައި އެ ޓީމުގެ ހުއާން ކުއަޑްރާޑޯއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާއަށް ރެފުރީ ސީދާ ރަތް ކާޑެއް ދެއްކީ ފިއޮރެންޓީނާގެ ގައެޓާނޯ ކަސްޓްރޮވީލީއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.
އޭގެ ފަހުން މި މެޗު ފިއޮރެންޓީނާއިން ކޮންޓްރޯލް ކޮށްގެން ކުޅުނުއިރު، މެޗުގެ 76 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މިއީ ޔުވެންޓަސްގެ އެލެކްސް ސަންޑްރޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އޭގެ ފަސް މިނެޓު ފަހުން މާޓިން ސަސެރެސް ވަނީ ފިއޮރެންޓީނާގެ ތިންވަނަ ލަނޑު ޖަހާފައެވެ.
މި މެޗުން ޔުވެންޓަސް ބަލިވިއިރު، އަންގާރަ ދުވަހު އެ ޓީމަށް ވަނީ އިތުރު ތިން ޕޮއިންޓް ގެއްލިފައެވެ. އެއީ ލީގުގައި އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހު ކުޅެން އޮތް މެޗަށް ނާޕޮލީ ޓީމު ހާޒިރުނުވުމުން، އެ މެޗުން ޔުވެންޓަސް މޮޅުވި ކަމަށް ލީގުން ނިންމި ނަމަވެސް، ޔުވެންޓަސްއަށް ދިން ތިން ޕޮއިންޓް އަތުލަން އިޓަލީގެ އޮލިމްޕިކް ކޮމިޓީން ނިންމުމާ ގުޅިގެންނެވެ.
ޔުވެންޓަސްގެ ދަނޑުގައި ކުޅެން އޮތް އެ މެޗަށް ނާޕޮލީ ޓީމު ހާޒިރުނުވީ ކޮވިޑް-19 އަށް ކުޅުންތެރިންތަކެއް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެއާއެކު އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު އިޓާލިއަން ލީގުން ވަނީ އެ މެޗުން ޔުވެންޓަސް މޮޅުވި ކަމަށް ނިންމާފައެވެ. އެކަމަކު އިޓަލީގެ އޮލިމްޕިކް ކޮމިޓީން ވަނީ އެ މެޗު އަލުން ކުޅުމަށް މިހާރު ނިންމާފައެވެ.
އެއާއެކު ޔުވެންޓަސް މިހާރު އޮތީ 13 މެޗުން 24 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ. އެއްވަނައިގައި 13 މެޗުން 31 ޕޮއިންޓާއެކު އޮތީ މެޗަކުން ބަލިނުވެ އޮތް މިލާނެވެ. އަދި ޔުވެންޓަސް އަތުން މޮޅުވި ފިއޮރެންޓީނާ އޮތީ ތާވަލުގެ 15 ވަނައިގައި 14 މެޗުން 14 ޕޮއިންޓާއެކުއެވެ.