ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި މެންޗެސްޓާ ސިޓީން އިތުރު ފޯވާޑެއް ނުގެންނާނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
މި ސީޒަނުގައި ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯއަށް އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލިފައިވާއިރު، އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލުގެ ފޯވާޑް ގަބްރިއެލް ޖީސޫސަށްވެސް ވަނީ އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލިފައެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަން އަތުން 1-0 ން ސިޓީ މޮޅުވި މެޗުގައިވެސް ޖީސޫސް ކުޅެފައެއް ނުވެއެވެ.
އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗުގައި ސިޓީއަށް އެންމެ ދެ ލަނޑު ޖެހިފައިވާއިރު، މިހާތަނަށް ލީގުގައި ކުޅުނު 13 މެޗުން އެ ޓީމަށް ކާމިޔާބުކުރެވުފައިވަނީ 19 ލަނޑެވެ. މިއީ މިދިޔަ ސީޒަނުގެ މިހިސާބަށް އައިރު 18 ލަނޑު މަދު އަދަދެކެވެ.
މި ސީޒަނުގައި ސިޓީއަށް ފޯވާޑުންގެ މައްސަލަ ދިމާވި ނަމަވެސް، އެ ޓީމުގެ ކޯޗު ޕެޕް ގަޑިއޯލާ ބުނީ އެހްނެ ހުރިހާ ޓީމެކޭ އެއްފަދައިން ސިޓީއަށްވެސް ކޮވިޑް-19 ގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ޓްރާންސްފާގައި ޚަރަދުކުރަން ޖެހޭނީ ބަލައިގެން ކަމަށާއި، އެއާއެކު ޖެނުއަރީގައި އިތުރު ފޯވާޑެއް ގެންނަން ނުވިސްނާ ކަމަށްވެސް އޭނާ ބުންޏެވެ.
ޖެނުއަރީގައި ފޯވާޑެއް ނުގެންނާނެ ކަމަށް ގާޑިއޯލާ ބުނިއިރު، މިދިޔަ ހޫނު މޫސުމުގައި އެ ޓީމުން ވަނީ ވެލެންސިއާއަށް ކުޅެމުން އައި ސްޕެއިނުގެ ޒުވާން ފޯވާޑް ފެރާން ޓޮރޭސް އެ ޓީމަށް ގެނެސްފައެވެ. އަދި އޭނާ ވަނީ މިހާތަނަށް ސިޓީއަށް ކުޅެދިން 14 މެޗުގައި ހަ ލަނޑު ޖަހާފައެވެ.
މިހާތަނަށް ޕްރިމިއާ ލީގުގައި ކުޅުނު 13 މެޗުން 23 ޕޮއިންޓާއެކު ސިޓީ އޮތީ ތާވަލުގެ އަށްވަނައިގައެވެ. ލީގުގައި ދެން ސިޓީން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެރެއެވެ. އެރޭ އަމިއްލަ ދަނޑުގައި ސިޓީ ނުކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން އިނގިރޭސި ލީގު ކަޕުގެ ކުއާޓާ ފައިނަލުގައި އަންގާރަ ދުވަހުގެރޭ ސިޓީން އާސެނަލާ ދެކޮޅަށް ނުކުންނާނެއެވެ.