ކ. މާލެ
|
22 ޑިސެންބަރ 2020 | އަންގާރަ 17:04
ބޮރޫޝިއާ މޮންޗެންގްލަޑްބަކުގެ ފޯވާޑް މާކަސް ތުރާމަށް ރަތް ކާޑު ދައްކަނިކޮށް
ބޮރޫޝިއާ މޮންޗެންގްލަޑްބަކުގެ ފޯވާޑް މާކަސް ތުރާމަށް ރަތް ކާޑު ދައްކަނިކޮށް
ގެޓީ އިމޭޖަސް
ކުޅު ޖެހުމުން ތުރާމަށް ފިޔަވަޅު އެޅުން
ކުޅުންތެރިއެއް ގަޔަށް ކުޅު ޖެހުމުން ތުރާމް ހަ މެޗަށް ސަސްޕެންޑް
ހޮފެންހެއިމްގެ ސްޓެފަން ޕޯޝްގެ މޫނަށް ތުރާމް ވަނީ ކުޅު ޖަހާފައި
ތުރާމް ވަނީ ހަ މެޗަށް ސަސްޕެންޑްކޮށް 40،000 ޔޫރޯއިން ޖޫރިމަނާކޮށްފައި

އިދިކޮޅު ކުޅުންތެރިއެއް ގަޔަށް ކުޅުނު ޖެހި މައްސަލައެއްގައި ބޮރޫޝިއާ މޮންޗެންގްލަޑްބަކަށް ކުޅެމުން އަންނަ ފްރާންސް ފޯވާޑް މާކަސް ތުރާމް ހަ މެޗަށް ސަސްޕެންޑްކޮށް ޖޫރިމަނާކޮށްފިއެވެ.

ކޮވިޑް-19 ގެ ބްރޭކަށްފަހު ފުޓްބޯޅަ މުބާރާތްތައް އަލުން ފެށީ އިދިކޮޅު ކުޅުންތެރިޔާ އާއި ރެފުރީއާ ދިމާލަށް ގޮސް ގަސްތުގައި ކެއްސާ ކުޅުނު ޖަހާ ކުޅުންތެރިންނަށް ސީދާ ރަތް ކާޑު ދެއްކުމުގެ އިޚްތިޔާރު ރެފުރީންނަށް ދިނުމަށްފަހުއެވެ.

އިދިކޮޅު ކުޅުންތެރިއެއް ގަޔަށް ތުރާމް ކުޅު ޖެހީ ޖަރުމަން ލީގުގައި ހޮފެއިންހަމް އަތުން 2-1 ން މޮންޗެންގްލަޑްބަކް ބަލިވި މެޗުގައެވެ. ވީޑިއޯ ރީޕްލޭއިން ފެންނަ ގޮތުގައި ހޮފެންހެއިމްގެ ސްޓެފަން ޕޯޝްގެ މޫނަށް ތުރާމް ކުޅު ޖެހިއިރު، އެއާއެކު އޭނާއަށް ރެފުރީ ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.

އަދި އެ މައްސަލަ ޖަރުމަނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބެލިއިރު، އެ މައްސަލައިގައި ތުރާމް ވަނީ ހަ މެޗަށް ސަސްޕެންޑްކޮށް 40،000 ޔޫރޯއިން ޖޫރިމަނާކޮށްފައެވެ. އަދި މޮންޗެންގްލަޑްބަކުންވެސް ވަނީ ތުރާމްއަށް ފިޔަވަޅު އަޅާފައެވެ. އެގޮތުން އެ ޓީމުން ވަނީ ތުރާމް އެއް މަހުގެ މުސާރައިން ޖޫރިމަނާކޮށްފައެވެ. އަދި އެ ފައިސާ ދާނީ ޗެރިޓީއަކަށް ކަމަށްވެސް އެ ޓީމުން ވަނީ ހާމަކޮށްފައެވެ.

އެ މައްސަލައިގައި ތުރާމް ބުނީ އެ މެޗުގައި އޭނާއަށް ހަރަކާތްކުރެވުނީ ގޯސް ގޮތަކަށް ކަމަށާއި، އެކަމަކު އެއީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެންމެންގެ ކިބައިން މާފަށް އެދޭ ކަމަށްވެސް ތުރާމް ބުންޏެވެ.

ފްރާންސާއެކު 1998 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ލިލިއަން ތުރާމުގެ ދަރިފުޅު ކަމަށްވާ މާކަސް ތުރާމް މޮންޗެންގްލަޑްބަކާ ގުޅިފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އުމުރުން 23 އަހަރުގެ ތުރާމް ވަނީ މިހާތަނަށް މޮންޗެންގްލަޑްބަކަށް ކުޅެދިން 57 މެޗުގައި 18 ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް