ކ. މާލެ
|
22 ޑިސެންބަރ 2020 | އަންގާރަ 15:10
ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ
ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ
ގެޓީ އިމޭޖަސް
ބާސާގައި މެސީގެ ކުރިމަގު
ޓްރާންސްފާގައި ދިމާވި ކަންތައްތަކުގެ ސަބަބުން ގޯސް އަސަރުތަކެއް ކުރި: މެސީ
ބާސާ ދޫކޮށްލަން މެސީ ނިންމި ނަމަވެސް، ފަހުން ވަނީ ކުލަބުގައި މަޑަުކޮށްފައި
މެސީ ބާސާގައި މަޑުކުރުވަން އަންނަނީ މަސައްކަތް ކުރަމުން

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ދިމާވި ކަންތައްތަކުގެ ސަބަބުން މި ސީޒަނުގެ ކުރީކޮޅުގައި އޭގެ ގޯސް އަސަރުތަކެއް ކުރި ކަމަށް ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފިއެވެ.

މި ނިމުނު ޓްރާންސްފާ ބާޒާރުގައި މެސީ ވަނީ ބާސާ ދޫކޮށްލަން ނިންމައި، އެކަން އެ ކުލަބުގެ މެނޭޖުމަންޓަށް އަންގާފައެވެ. އެކަމަކު މެސީގެ އެއްބަސްވުމަށް ލުއި ދިނުމަށް ބާސާގެ މެނޭޖުމަންޓުން އެއްބަސްނުވުމާ ގުޅިގެން، މެސީ ވަނީ އޭނާގެ ނިންމުން ބަދަލުކޮށް މި ސީޒަނުގައި ބާސާގައި މަޑުކޮށްފައެވެ.

އެކަމަކު މި ސީޒަނުގައި މެސީއަށް ބާސާގައި އަދި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، މި ސީޒަނުގައި 17 މެޗުން މެސީއަށް ޖެހިފައިވަނީ ނުވަ ލަނޑެވެ. އަދި ބާސާ އޮތީ ސްޕެނިޝް ލީގުގެ ފަސްވަނައިގައެވެ. އަދި މީގެ ކުރިން މެސީ ވަނީ ބާސާގައި ޖެހޭ ހުރިހާ މައްސަލައެއް އޭނާގެ ބޮލުގައި އަޅުވާތީ އެކަމާ މިހާރު ވަރުބަލިވެފައިވާ ކަމަށް ބުނެ ހިތްހަމަނުޖެހުންވެސް ފާޅުކޮށްފައެވެ.

ދާދި ފަހުން ސްޕެއިނުގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި އުމުރުން 33 އަހަރުގެ މެސީ ބުނީ މި ނިމުނު ޓްރާންސްފާގައި ކުލަބު ބަދަލުކުރަން އުޅުނު ދުވަސްވަރު ކުރިމަތިވީ އުނދަގޫ ދުވަސްތަކެއް ކަމަށާއި އެ ކަންތައްތަކުގެ ސަބަބުން ސީޒަން ކުރީކޮޅުގައި އޭގެ ގޯސް އަސަރުތަކެއް ކުރި ކަމަށެވެ. އެކަމަކު މިހާރު ކަންކަން ހަމައަކަށް އެޅި އޭނާ ހުރީ ހިތްހަމަޖެހިގެން ކަމަށާއި، މިހާރު ބޭނުންވަނީ ކުލަބާއެކު ރަނގަޅު ކާމިޔާބީތަކެއް މި ސީޒަނުގައި ހޯދުމަށް ކަމަށްވެސް މެސީ ބުންޏެވެ.

ބާސާގައި މިހާރު ހުރީ ހިތްހަމަޖެހިގެން ކަމަށް މެސީ ބުނިއިރު، ދާދި ފަހުން ބާސާގެ ވަގުތީ ރައީސް ޓުސްކެޓްސް ވަނީ މާލީ ގޮތުން އެ ކުލަބު އޮތް ހާލަތަށް ބަލާއިރު މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި މެސީ ވިއްކާލުމަކީ ބާސާއަށް ރަނގަޅު ނިންމުމެއް ކަމަށްވާނެ ކަމަށް ގަބޫލުކުރާ ކަމަށާއި، އޭނާ އޭރު ކުލަބުގެ ލީޑަޝިޕުގައި ހުރިނަމަ އެ ގޮތަށް ނިންމާނެ ކަމަށް ވިދާޅުވެފައެވެ. އެއާއެކު ބާސާގެ ކޯޗު ރޮނާލްޑް ކޫމަނުގެ އިތުރުން އެ ކުލަބުގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މި ސީޒަނުގެ ނިޔަލަށް ބާސާއާއެކު މެސީ އެއްބަސްވުމުގައި ހުރިއިރު، ޖެނުއަރީ މަހު އޭނާ ބޭނުންނަމަ އިޚުތިޔާރުކުރާ ކުލަބަކާއެކު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ފުރުސަތު މެސީއަށް ލިބެއެވެ. އެކަމަކު އަންނަ މަހު ބާއްވަން ނިންމާފައިވާ ބާސާގެ އިންތިޚާބުގައި ވާދަކުރާ ކޮންމެ ކެންޑިޑޭޓަކު ކަހަލަ ގޮތަކަށް އަންނަނީ މެސީ ޓީމުގައި މަޑުކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ބުނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް