އިޓާލިއަން ލީގުގައި އާދިއްތަ ދުވަހުގެރޭ ކުޅުނު މެޗުތަކުން އޭސީ މިލާނާއި އިންޓަ މިލާނުވެސް މޮޅުވެއްޖެއެވެ.
އެއްވަނައިގައި އޮތް މިލާން މޮޅުވީ ރަށުން ބޭރުގައި ކުޅުނު މެޗުން ސަސުއޯލޯ އަތުން 2-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ފަށައިގެން ހަވަނަ ސިކުންތުގައި މިލާނުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަފައެލް ލެއާއޯއެވެ. އެއާއެކު އޭނާ ވަނީ އިޓާލިއަން ލީގުގެ ތާރީޚުގައި މެޗެއްގައި އެންމެ އަވަހަށް ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑު މުގުރާލާފައެވެ.
އޭގެ ފަހުން މެޗުގެ ނުވަވަނަ މިނެޓުގައި މިލާނުގެ ހަކަން ޗަނޮނޮގްލޫ ލަނޑެއް ޖެހި ނަމަވެސް، އެ ޓީމުގެ އެލެކްސިސް ސައެލެމައެކާސް އޮފްސައިޑުގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. އެކަމަކު މެޗުގެ 26 ވަނަ މިނެޓުގައި މިލާނުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސައެލެމައެކާސްއެވެ. މި މެޗުގައި ސަސުއޯލޯއިން ފަރަގު ކުޑަކޮށްފައިވަނީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޑޮމެނިކޯ ބެރާޑީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މީގެ އިތުރުން ލީގުގައި އާދިއްތަ ދުވަހުގެރޭ ކުޅުނު މެޗުން އިންޓަ މޮޅުވީ އަމިއްލަ ދަނޑުގައި ސްޕެޒިއާ އަތުން 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަޗެސް، ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި އިންޓައިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޝްރަފް ހަކީމީއެވެ. އަދި މެޗުގެ 71 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރޮމެލޫ ލުކާކޫ ވަނީ އިންޓައަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ސްޕެޒިއާގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ވީއޭއާރް ބެލުމަށްފަހު ރެފުރީ ދިން ޕެނަލްޓީއެކެވެ. މި މެޗުގައި ސްޕެޒިއާއިން ފަރަގު ކުޑަކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައި ރޮބާޓޯ މިކޮލީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި ނަތީޖާތަކާއެކު އިޓާލިއަން ލީގުގެ އެއްވަނައިގައި މިލާން އޮތީ ކުޅުނު 13 މެޗުން 31 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި އޮތް އިންޓައަށް 13 މެޗުން ވަނީ 30 ޕޮއިންޓް ލިބިފައެވެ.