ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ އެއިބާ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ރެއާލް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ރެއާލުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ހަވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ކަރިމް ބެންޒެމާއެވެ. އަދި އޭގެ ހަތް މިނެޓު ފަހުން ތަޖުރިބާކާރު މިޑްފީލްޑަރު ލޫކާ މޮޑްރިޗް ވަނީ ރެއާލަށް ލީޑު ފުޅާކޮށްދީފައެވެ.
އެކަމަކު ފުރަތަމަ ހާފުގައި އެއިބާއިން ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. މެޗުގެ 28 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކިކޭއެވެ. އޭގެ ފަހުން ދެ ޓީމުގެ ފަރާތުންވެސް މެޗުގައި ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު، ރެއާލުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް ވަޒްކުއޭޒެވެ.
މި މޮޅާއެކު ރެއާލް ދެވަނައިގައި އޮތީ ކުޅުނު 14 މެޗުން 29 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އެތުލެޓިކޯއަށްވެސް 29 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމުން އެ އަދަދަށް ޕޮއިންޓް ހަމަކޮށްފައިވަނީ 12 މެޗުންނެވެ. އަދި އާދީއްތަ ދުވަހުގެރޭ ރެއާލް އަތުން ބަލިވި އެއިބާ އޮތީ ތާވަލުގެ 14 ވަނައިގައި 14 މެޗުން 15 ޕޮއިންޓާއެކުއެވެ.