އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުން ކްރިސްޓަލް ޕެލަސް ކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ހަތް ލަނޑު ޖަހައިފިއެވެ.
ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ލިވަޕޫލުން ހަތް ލަނޑު ޖެހިއިރު، ޕެލަސްއަށް މެޗުގައި ލަނޑެއް ޖެހިފައެއް ނުވެއެވެ.
ލިވަޕޫލުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ތިންވަނަ މިނެޓުގައި މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ޓަކޫމީ މިނަމީނޯއެވެ. އަދި މެޗުގެ 35 ވަނަ މިނެޓުގައި ސަޑިއޯ މާނޭ ލިވަޕޫލަށް ލީޑު ފުޅާކޮށްދިންއިރު، ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ރޮބާޓޯ ފިރްމީނޯ ވަނީ ލިވަޕޫލުގެ ތިންވަނަ ލަނޑު ޖަހާފައެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ލިވަޕޫލުގެ ކެޕްޓަން ޖޯޑަން ހެންޑަސަން އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖެހިއިރު، 68 ވަނަ މިނެޓުގައި ފިރްމީނޯ ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މި މެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ހަވަނަ ލަނޑު 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުޙައްމަދު ސަލާހެވެ. އަދި އޭގެ ތިން މިނެޓު ފަހުން ސަލާހު ވަނީ ލިވަޕޫލުގެ ހަތްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
ތަފާތު ބޮޑު ނަތީޖާއަކުން ޕެލަސްގެ މައްޗަށް ލިވަޕޫލުން ކުރި ހޯދިއިރު، އެ ޓީމު އޮތީ ތާވަލުގެ އެއްވަނައިގައި ކުޅުނު 14 މެޗުން ލިބުނު 31 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއަށް 13 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ. އަދި ލިވަޕޫލް އަތުން ބަލިވި ޕެލަސް އޮތީ ތާވަލުގެ 12 ވަނައިގައި 14 މެޗުން 18 ޕޮއިންޓާއެކުއެވެ.