ގަތަރުގައި 2022 ވަނަ އަހަ ބާއްވާ ފީފާ ވޯލްޑް ކަޕުގެ ނިޔަލަށް އަލް ސާދުގައި މަޑުކުރަން އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭސް ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ސްޕެއިނުގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ވޯލްޑް ކަޕުގެ ނިޔަލަށް އަލް ސާދުގައި މަޑުކުރަން ނިންމާފައިވާ ކަމަށް އެ ޓީމުގެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކުރިއިރު، މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޒަވީ ވަނީ އަލް ސާދުގެ އެއްބަސްވުން އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އާކޮށްފައެވެ. އަދި އެ އެއްބަސްވުމުގައި ވަނީ ޒަވީއަށް ހާއްސަ އިހުތިޔާރެއްގެ ދަށުން ވަކި މުއްދަތެއްގެ ނޯޓިހެއް ދިނުމަށްފަހު އޭނާ ބޭނުންވާ ކުލަބަކަށް ބަދަލުވެވޭނެކަން ހިމަނާފައެވެ.
ރިޕޯޓުތައް ބުނާގޮތުން އަލް ސާދުގެ އެއްބަސްވުމުގައި ޒަވީއަށް ހާއްސަ އިހުތިޔާރެއް ދިނީ އަންނަ އަހަރު ބާސެލޯނާގެ އިންތިޚާބަށްފަހު އެ ޓީމަށް ބަދަލުވާން ޒަވީ ބޭނުންވާތީއެވެ. އަންނަ ޖެނުއަރީ މަހު ބާސާގެ އިންތިޚާބު ބާއްވަން ނިންމާފައިވާއިރު، ޒަވީ އަކީ އިންތިޚާބު ކާމިޔާބުކުރާނެ ކަމަށް ބެލެވޭ ކެންޑިޑޭޓް ވިކްޓަ ފޮންޓުގެ ޓީމުގައި ހިމެނޭ މެންބަރެކެވެ. އަދި ފޮންޓް ބާސާގެ ރައީސްކަމަށް އިންތިޚާބުވެއްޖެނަމަ ޒަވީއާ އެ ޓީމު ހަވާލުކުރާނެ ކަމަށްވެސް ސްޕެއިނުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ޒަވީގެ އަލް ސާދުން ވަނީ ހުކުރު ދުވަހުގެރޭ ގަތަރުގެ އަމީރް ކަޕުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަލް ސާދުގެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ނިޔަލަށް އޭނާ އެ ޓީމުގައި މަޑުކުރާނެއެވެ. އަދި އެ ނިންމުން ޒަވީ ނިންމީ ވޯލްޑް ކަޕް ޕްރޮމޯޓް ކުރުމުގެ ގޮތުން ގަތަރު ފުޓްބޯޅަ އެސޯސިއޭޝަނުގެ ހަރަކާތްތަކެއްގައި މަސައްކަތްކުރުމުގެ އިތުރުން އަލް ސާދަށް އިތުރު ކާމިޔާބީތަކެއް ހޯދައިދޭން ބޭނުންވާތީ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.
ސްޕެއިންގެ އިތުރުން ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ޒަވީ އަލް ސާދަށް ބަދަލުވީ 2015 ވަނަ އަހަރެވެ. އެ ޓީމަށް ކުޅެދިނުމަށް ފަހު ޒަވީ ކޯޗެއްގެ ރޯލުގައި އެ ޓީމާ ހަވާލުވީ މިދިޔަ އަހަރުގެ މެއި މަހުގައެވެ. ޒަވީގެ އިރުޝާދުގެ ދަށުން އަލް ސާދުން ވަނީ ގަތަރު ކަޕާއި ގަތަރު ސުޕަ ކަޕުގެ ތަށިވެސް އުފުލާލާފައެވެ.