ކ. މާލެ
|
19 ޑިސެންބަރ 2020 | ހޮނިހިރު 15:03
ޔޫނިއަން ބާލިން އާއި ޑޯޓްމުންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔޫނިއަން ބާލިން މޮޅުވީ 2-1 ން
ޔޫނިއަން ބާލިން އާއި ޑޯޓްމުންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔޫނިއަން ބާލިން މޮޅުވީ 2-1 ން
ގެޓީ އިމޭޖަސް
ޖަރުމަން ލީގު
ޔޫނިއަން ބާލިން އަތުން ޑޯޓްމުންޑް ބަލިވެއްޖެ
ޔޫނިއަން ބާލިން އަތުން ޑޯޓްމުންޑް ބަލިވީ 2-1 ގެ ނަތީޖާއަކުން
ޑޯޓްމުންޑް އޮތީ ތާވަލުގެ ހަތަރުވަނައިގައި 22 ޕޮއިންޓާއެކު

ޖަރުމަން ލީގުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ޔޫނިއަން ބާލިން އަތުން ބޮރޫޝިއާ ޑޯޓްމުންޑް ބަލިވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުން ޑޯޓްމުންޑް ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. ޔޫނިއަން ބާލިނުން ޑޯޓްމުންޑް ބަލިކުރިއިރު، މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު އެ ޓީމުން ވަނީ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާ އެއްވަރުކޮށްފައެވެ.

ހުކުރު ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ޔޫނިއަން ބާލިނުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓައިވޯ އަވަނިޔީއެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ޔޫސޫފާ މޯކޯކޯ ވަނީ ޑޯޓްމުންޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއާއެކު އުމުރުން 16 އަހަރުގެ މޯކޯކޯ ވަނީ ޖަރުމަން ލީގުގެ ތާރީޚުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ޑޯޓްމުންޑުން ނަތީޖާ އެއްވަރުކޮށްފައި ވަނިކޮށް، މި މެޗުން ޔޫނިއަން ބާލިން މޮޅުވީ މެޗުގެ 78 ވަނަ މިނެޓުގައި މާވިން ފްރީޑްރިކް ކާމިޔާބުކުރި ލަނޑުންނެވެ.

މި މެޗުން ޑޯޓްމުންޑް ބަލިވިއިރު، މިއީ އެ ޓީމުގެ ވަގުތީ ކޯޗު އެޑިން ޓާޒިޗުގެ އިރުޝާދުގެ ދަށުން ކުޅުނު ޑޯޓްމުންޑް ބަލިވި ފުރަތަމަ މެޗެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން ޑޯޓްމުންޑް ވަނީ ވާޑާ ބްރެމެން އަތުން 2-1 ން މޮޅުވެފައެވެ.

ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ޑޯޓްމުންޑް ބަލިވިއިރު، އެ ޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގައި 13 މެޗުން 22 ޕޮއިންޓާއެކުއެވެ. ޑޯޓްމުންޑުގެ ފުލުން ފަސްވަނައިގައި ޔޫނިއަން ބާލިން އޮތީ 13 މެޗުން 21 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް