ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސްއިން ކުޅުނު ފުރަތަމަ މެޗުން ބަލިވިކަމުގައި ވިޔަސް، އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.
ލީގުގައި ކުޅުނު ފުރަތަމަ މެޗުން ގްރީން ވަނީ ކުލަބު ވެލެންސިއާ އަތުން 1-0 ން ބަލިވެފައެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ވަނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން 4-0 ން މޮޅުވެފައެވެ.
ލީގުގައި ހޮނިހިރު ދުވަހުގެރޭ މާޒިޔާއިން ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ބުނީ ގްރީން ސްޓްރީޓްސްއިން ލީގުގައި ކުޅުނު ފުރަތަމަ މެޗުގެ ނަތީޖާއަށް މާޒިޔާއިން ނުބަލާ ކަމަށާއި، މާޒިޔާއިން ބަލަނީ ގްރީން ސްޓްރީޓްސްގެ ގޭމާއި، އެ ޓީމުގެ ގޭމް ޕްލޭން ބައްޓަން ކުރާ ގޮތަށް ކަމަށެވެ. އަދި ގްރީން ސްޓްރީޓްސްއިން ކުޅޭ ކުޅުމުގެ ވައްޓަފާޅިއަކީ މާޒިޔާއިން އެންމެ ބޮޑަށް ބަލާނެ ކަންތައް ކަމަށާއި، އެ ހުރިހާ ކަމަކަށް ބަލާއިރު ގްރީން ސްޓްރީޓްސްއަކީ ބަލި ޓީމެކޭ ނުބުނެވޭނެ ކަމަށް ނިޒާމްބެ ބުންޏެވެ. އެހެންކަމުން މެޗުން މޮޅުވާން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން މާޒިޔާއިން އޮތީ ތައްޔާރަށް ކަމަށްވެސް ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ އިތުރަށް ބުނީ ޗެރެޓީ ޝީލްޑް މެޗާ އަޅާބަލާއިރު، މާޒިޔާއިން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އެތައް ކަމެއް ރަނގަޅުކޮށްފައިވާ ކަމަށާއި، އެގޮތުން ކުޅުންތެރިންގެ ގުޅުން އިތުރަށް ރަނގަޅުވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.
މާޒިޔާ މެޗުގެ ކުރިން ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު ބުނީ ހޮނިހިރު ދުވަހުގެ މެޗަކީ އެ ޓީމުން ލީގުގައި ކުޅޭނެ އެންމެ އުނދަގޫ މެޗު ކަމަށާއި، ސްކޮޑުގެ ގޮތުން ބެލިކަމުގައި ވިޔަސް މާޒިޔާއަކީ ލީގުގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށެވެ. އެކަމަކު ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން މި މެޗަށް ނުކުންނާނީ މާޒިޔާއާ ވާދަކޮށް މެޗުން މޮޅުވެ، ތިން ޕޮއިންޓް ހޯދުމުގެ އަޒުމުގައި ކަމަށާއި، ގްރީން ސްޓްރީޓްސްއަކީވެސް ލީގަށް ވާދަކުރާ ވަރުގަދަ ޓީމެއްކަން މި މެޗުން ދައްކައިދޭން ބޭނުންވާ ކަމަށްވެސް ނިސްތާރު ބުންޏެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ 21:00 ގައެވެ.