ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަކީ ތައްޓަށް ވާދަކުރެވޭ ފެންވަރުގެ ވަރުގަދަ ޓީމެއް ކަމަށާއި، ޔޫވީއާ ދެކޮޅަށް ނުކުންނަ މެޗު ވާނީ ކުލަބު ވެލެންސިއާއަށް ރަނގަޅު ޗެލެންޖަކަށް ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނެފިއެވެ.
އެއް އަހަރުގެ މެދުކެނޑުމަކަށްފަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ ވާދަކުރަމުން އަންނައިރު، ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވެލެންސިއާ ވަނީ ކުލަބު ގްރީން ސްޓްރީޓްސް އަތުން 1-0 މޮޅުވެފައެވެ.
ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ވެލެންސިއާއިން ޔޫވީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާތީ ބުނީ ޔޫވީއަކީ މިދިޔަ ސީޒަނުގެ ފަހުކޮޅު ރަނގަޅު ކުޅުމެއް ދެއްކި ޓީމެއް ކަމަށާއި، ތަޖުރިބާކާރު ކުޅުންތެރިންނާއެކު މި ސީޒަނުގައި އެ ޓީމު އޮތީ ކުރިއަށްވުރެ ވަރުގަދަކޮށް ކަމަށެވެ. އެގޮތުން އިސްމާޢީލް އީސަ (މެސީ) އާއި އިބްރާހީމް އާރިފް (ބަކާ) އެޓީމާ ގުޅުމުން އެޓީމު އިތުރަށް ފުރިހަމަވެފައިވާ ކަމަށާއި، އަދި އެޓީމުގެ ބިދޭސީ ފޯވަޑަކީވެސް ކޮންމެ ވަގުތަކުވެސް މެޗު ބަދަލުކޮށްލެވޭނެ ފަދަ ކުޅުންތެރިއެއް ކަމަށްވެސް ބުންޏެވެ. އެހެންކަމުން ޔޫވީ މެޗު ފަސޭހަކޮށްލައިގެން ކުޅެފިނަމަ އޭގެ ހިތި ފެންނާނެ ކަމަށާއި، މިއީ ވެލެންސިއާއަށް ރަނގަޅު ޗެލެންޖެއް ކަމަށްވެސް އާތީ ބުންޏެވެ.
ވެލެންސިއާ މެޗުގެ ކުރިން ޔޫވީގެ ކޯޗު މުޙައްމަދު އާދަމް ބުނީ ލީގުގެ ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅުނު ކުޅުމަށްވުރެ މި މެޗުގައި ޔޫވީގެ ކުޅުން ތަފާތުވާނެ ކަމަށެވެ. އަދި ފުރަތަމަ މެޗުގައި ދިމާވި ކަންކަމަށް ބަލާއިރު، މި މެޗުގައި ޒުވާން ކުޅުންތެރިންގެ ފަރާތުން "ޕްރެޝަރު ހޭންޑަލް" ކުރުމުގައި އިތުރަށް ރަނގަޅުވާނެ ކަމަށް އުންމީދުކުރާ ކަމަށާއި، ފުރަތަމަ މެޗުގައި ބައިކޮޅަށް ހަތަރު ލަނޑު ވަނީ ޒުވާން ކުޅުންތެރިންނަށް އެކަން ނުކުރެވުމުން ކަމަށްވެސް ބުންޏެވެ.
ވަރުގަދަ ސްކޮޑަކާއެކު މި ސީޒަނާ ކުރިމަތިލި ޔޫވީން ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ މާޒިޔާ އަތުން 4-0 ން ބަލިވެފައެވެ. ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޔޫވީ އާއި ވެލެންސިއާ ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގައެވެ.