ކ. މާލެ
|
27 އޭޕްރިލް 2017 | ބުރާސްފަތި 02:37
ޔާމީނު ރަޝީދުގެ މަންމަ، މަރިޔަމް ޝަފީގާ
ޔާމީނު ރަޝީދުގެ މަންމަ، މަރިޔަމް ޝަފީގާ
ރާއްޖެއެމްވީ
ޔާމީނުގެ މަންމަގެ ވާހަކަ
"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"
އެރޭ ނުގުޅީ ޔާމީން ގޭގަ އޮތް ކަމަށް ހީކޮށް
ޔާމީން އެންމެ ފަހުން ފެނުނި ހޮނިހިރު ދުވަހު 06:30 ގައި
ޔާމީނަށް އިންސާފު ހޯދުމަށް މިކުރާ މަސައްކަތް ކާމިޔާބު ވާނެ ކަމަށް އުންމީދު ނުރަން

"އަހަރެންގެ ދަރިފުޅު ނުލިބޭނެކަން އިނގޭ، އިންސާފު ހޯދަން ބޭނުންވަނީ އެހެން ބަޔަކު އަހަރެން މި އިހްސާސްކުރަން ޖެހުނު ގެއްލުން އެހެން މަޔަކު އިހްސާސްކުރަން ބޭނުން ނުވާތީ"

މިއީ މިދިޔަ އާދިއްތަ ދުވަހު މަރާލި އުމުރުން 29 އަހަރުގެ ޔާމީނު ރަޝީދުގެ މަންމަ މަރިޔަމް ޝަފީގާގެ އިހްސާސްތަކެވެ. އެއްވެސް މަޔަކަށް އެމީހެއްގެ ދަރިޔަކު އަނިޔާވެރިގޮތަކަށް މަރުވެގެން ދާތަން ބަލަން ހުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ޝަފީގާގެ އަބަދުވެސް އޮންނަ އެންމެ ބޮޑު ކަންބޮޑުވުމަކީ އޭނާގެ ދަރިފުޅަށް ބަޔަކު ގެއްލުމެއްދީފާނެ ކަމުގެ ބިރެވެ.

ޝަފީގާ ވަނީ އޭނާގެ ދަރިފުޅު އެންމެފަހުން ފެނުނު ދެދުވަހު ކަންތައްތައް ވެގެންދިޔަގޮތް ހިއްސާކޮށްފައެވެ.

ޔާމީނަކީ އެއްވެސް އިރެއްގައި މާގިނައިން ބޭރަށް ގޮސް އުޅޭ މީހެއް ނޫނެވެ. ޔާމީން އެންމެ ފަހުން ފެނުނު ވަގުތުތައްވެސް ހޭދަކުރީ އާއްމުކޮށް އޭނާ އުޅޭ މަޑުމައިތިރި ގޮތަށެވެ.

" ހުކުރު ދުވަހު ހުކުރުން އައިސް ވަރަށް ގިނަ ވާހަކަ ދެއްކި. ގޭގައި އުޅޭ ކުދިންނާއި އެކު ވެސް އުޅުނު. ވަރަށް ގިނަ ވާހަކަވެސް ދެއްކި. ފުރަން އުޅޭ ވާހަކަވެސް ދެއްކި. މިއަހަރު ޗުއްޓީ ހޭދަކުރަން މެލޭޝީޔާއަށް ދާވަހަކަވެސް" ޝަފީގާ މައިވަންތަކަމުގެ އަސަރާއި އެކު ލޮލުން ފައިބަމުންދިޔަ ކަރުނައާއި އެކު ކިޔާދިނެވެ.

ހުކުރު ދުވަހުގެ ރޭ ހޭލާ ހުރުމަށްފަހު، ހޮނިހިރު ދުވަހުގެ ގިނަ ވަގުތުތަކެއް އޭނާ ހޭދަކުރީ ގޭގައެވެ.

އިރުއޮއްސި 6:30 ވީއިރު ޝަފީގާ ގެއިން ނުކުތް އިރުވެސް ޔާމީނު އޮތީ ސިޓިން ރޫމު ސޯފާގައި ފޯނާކުޅޭށެވެ. އެއީ ޝަފީގާއަށް ޔާމީނު ދިރިހުއްޓާ ފެނުނު އެންމެ ފަހު ފަހަރެވެ.

" އޭރު ނިކުތް އިރު އޮތީ ސިޓިން ރޫމުގަ ސޯފައި އޮށޯވެގެން. ދަރިފުޅާ ކާންވީ ނޫންހޭ ބުނުމުން ސައިތައްޓެއް ބޯނީއޭ ބުނި" ޝަފީގާ ކިޔައިދިނެވެ.

ޝަފީގާ އޭނާގެ ކޮއްކޮމެންގެ ގެއަށް ދާންވެގެން ކޮޓަރިން ނުކުތް އިރު ވެސް ޔާމީނު ފޯނާއި ކުޅެން ސިޓިން ރޫމުގައި އޮތެވެ. އެވަގުތުވެސް ކެއުމަށް ދެވަނަ ފަހަރަށްވެސް ބުންޏެވެ. އެހެން ނަމަވެސް ސައިތައްޓެއް ބޯލައިފީމޭ ބުނެ ފޯނާއި ކުޅެން ޔާމީނު އޮތީއެވެ.

" ޔާމީނު އޭރު އޮތީ ގޭގައި އާއްމުކޮށް ލައިގެން އުޅޭ ހެދުމެއް ލައިގެން. ހިޔެއް ނުކުރަން ގެއިން ބޭރަށް އެރޭ ދާނެ ކަމަށް" ޝަފީގާ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަމުން ބުނެލިއެވެ.

ޝަފީގާއަށް ގެއަށް އާދެވުނީ ދިހައެއް ޖަހާކަން ހާއިރުއެވެ. އެހެން ނަމަވެސް ޝަފީގާ ނިދަން އަރާ އޮށޯތް ގަޑީގައި ޔާމީނު ގޭގައި އޮތްތޯ ހިތަށް އެރުމުންވެސް ނިދަން އޮންނާނެ ކަމަށް ހީކޮށް ޝަފީގާވެސް ނިދީއެވެ.

އެހެން ނަމަވެސް ތަގުދީރުގައި ލިޔެވިފައި އޮތް ގޮތެއް އެއްވެސް މީހަކަށް ބަދަލެއް ނުކުރެވޭނެތާއެވެ.

ޝަފީގާ ބުނީ މިހާރު އެންމެ ދެރަވަނީ، އެރޭ ޔާމީނު ގޭގައި އޮތްތޯ ނުބެލުމުން ކަމަށް ބުނެފައެވެ. ޔާމީނު ބޭރަށްދާ ކޮންމެ ފަހަރަކުވެސް، އެނބުރި އަންނާނެ އިރެއް ޝަފީގާ އޮޅުންފިލުވައެވެ.

ޝަފީގާ އޭނާގެ ދަރިފުޅު ޔާމީނު ގާތު އަބަދުވެސް އެކެއްގެ ފަހުން އޮފީސް ނިމެއްޖެ ނަމަ ފަތިސް ގަޑީގައި އައުމަށް، ނޫނީ ޓެކްސީގައި އައުމަށް ބުނެއެވެ.

ޔާމީނަކީ އޮފީސް މަސައްކަތްތަކަށް ރަގަޅު މީހެއްކަމަށް އޭނާ މަސައްކަތް ކުރި އޮފީހުގެ ބަޔާނުގައިވެސް ފާހަގަކޮށްފައިވާއިރު ޝަފީގާ ބުނީ، ވަޒީފާ އާއި މެދު ހިތް ހަމަޖެހޭ ވާހަކަ ޔާމީނު ބުނެފައިވާ ކަމަށެވެ.

ޝަފީގާ ބުނީ ޔާމިނުއާއިމެދު އޭނާ ކަންބޮޑުވާ އަނެއް ކަމަކީ ލަސްގަޑިތަކުގައި ޔާމީނު އޮފީހުގައި އުޅޭ އުޅުން ކަމަށެވެ. 

އެހެންނަމަވެސް އޭނާ މިހާރު މަސައްކަތް ކުރަނީ އޭނާ ވަރަށް މަސައްކަތް ކުރާ ހިތްވާ، ހިތްހަމަޖެހޭ ތަނެއްގައި ކަން ޝަފީގާ އާއި ޔާމީނު ވަނީ ހިއްސާކޮށްފައެވެ.

ޔާމީނަށް ކުރިން އިންޒާރުދެމުންދާކަން އެނގުނު ނަމަވެސް މިފަހުން އިންޒާރުދީފައިވާކަން އޭނާ ޝަފީގާ އާއި ހިއްސާކޮށްފައެއް ނުވެ އެވެ.

” އޭނާ ވަރަށް ސީރިއާސްކޮށް ވަކީލުންނާއި ވާހަކަ ދައްކައިގެން އެކަން ބަލަމުންދިޔައީ. އެނގޭ ނަމަ، ތަންކޮޅެއް ބޮޑަށް ފަރުވާތެރި ކުރުވަންވެސް މަސައްކަތް ކުރެވުނީސް ކަންނޭނގެ" ޝަފީގާ ބުންޏެވެ.

ޝަފީގާ ވަނީ ގައުމުން ބޭރަށް ދިއުމަށްވެސް ޔާމީނު ގާތުން އެދިފައެވެ. މީގެ ކުރިންވެސް ޔާމީނު ދިރިއުޅުނީ ގައުމުން ބޭރުގައެވެ. އޭނާ ރާއްޖެއަށް ދިރިއުޅުން ބަދަލުކުރީ 2010 ވަނަ އަހަރެވެ. އުމުރުން ދެ އަހަރުން ފެށިގެން ސްކޫލް ދައުރު ނިންމައި ޑިގްރީ ހާސިލް ކުރުމަށްވެސް އޭނާ އުޅުނީ އިންޑިޔާގައެވެ.

މަރާބެހޭ ގޮތުން ތަފާތު ވާހަކަތައް ދެކެވޭ އިރު ޝަފީގާ ގަބޫލު ކުރާ ގޮތުން ދީނީ ގޮތުން ހިލާފު އުފެދޭ ވާހަކައެއް ޔާމީނު ދައްކައިގެން، މަރާލަން ޖެހޭ ސަބަބެއް ނެތެވެ.

ޝަފީގާ ވަނީ ދިނީ ގޮތުން ޔާމީން ދައްކާފައިވާ ވާހަކަތަކާއި ގުޅޭ ގޮތުން އޭނާ މަރާލި ކަމަށް ބަޔަކު ވާހަކަ ދައްކާ އިރު، އޭނާ މަރާލި ކަމަށް ތުހުމަތު ކުރުވޭ މީހުން ކަމަށްބުނެ ފުލުހުން ދައްކާފައިވާ މީހުންގެ ކިބައިން ދީނީ އެއްވެސް ސިފައެއް ނުފެންނަކަން ފާހަގަކޮށްފައެވެ.

ޔާމީނަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ތާއީދުކުރާ މީހެއް ނޫނެވެ. އެހެން ނަމަވެސް އޭނާ އަކީ ރާއްޖޭގެ ސިޔާސީ ކަންކަމާއި އިޖްތިމާއީ ކަންކަމުގައިވެސް ޝޯޝަލް މީޑިޔާގައި ހިލާފު ފާޅު ކުރާ މީހެކެވެ.

ޝަފީގާ ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް 8 ވަނަ ދުވަހު ވަގަށް ނެގި އަހުމަދު ރިލްވާނާއި ޔާމީނާއި ދެމެދު އޮތް ގުޅުން ހިއްސާކޮށްފައެވެ.

" ރިލްވާނު ގެއްލިގެން އުޅުނު ދުވަހު ވަރަށް ދެރަވެގެން އައިސް ބުނި، ވަރަށް ކްލޯސް ފްރެންޑެއް ގެއްލިއްޖެއޭ. އެ ދުވަސްވަރު ރަގަޅަށް ނުވެސްކާނެ. ވަރަށް ކަންބޮޑުވެފަ ހުރިކަން އެނގޭ" ޝަފީގާ ފާހަގަކުރިއެވެ.

ޔާމީނު އެނާއަށް ބަޔަކު އިންޒާރުދިން މައްސަލަ ފުލުހުންނަށް ހުށަހެޅުމުންވެސް އެ މައްސަލަ ނުބެލި އޮތުމަކީ ކޮންބޮޑުވާ ކަމެއް ކަމަށް އޭނާ ބުންޏެވެ. އަދި މި މުޖުތަމައުގައި ކަންކަން މިއަށްވުރެ ހަރުދަނާކޮށް ބެލެން ޖެހޭނެ ކަމަށާއި ޔާމީނަށް އިންސާފު ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ޝަފީގާ ބުންޏެވެ.

ޔާމީނު ވަނީ ވިސްނުންތޫނު ކަމާއިއެކު ކިޔެވި ދުވަސްވަރުވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. ޔާމީނުގެ ތަރުތީބު ކޮޓަރީގައި ގިނަ ފޮތްތަކެއް ހުރި އިރު ކޮޓަރިއަށް ވަންނަ އިރު ފުރަތަމަވެސް ފެންނާނީ، ރަތްކުލައިގެ ފުއްޕާހަމެއް ފެންނަ ފޮޓޯ ގަނޑެކެވެ.

އޭނާގެ އެންމެ ފަހު ޓްވީޓަކީވެސް ރަތްކުލައިގެ ފުއްޕާހަމެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
30 އޭޕްރިލް 2017 | އާދީއްތަ 01:22
koo
Miss u