އިނގިރޭސި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން މެންޗެސްޓާ ޔުނައިޓެޑުން ފަހަތުން އަރައި ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑް ބަލިކޮށްފިއެވެ.
ރަށުން ބޭރުގައި ކުޅުނު މި މެޗުން ޔުނައިޓެޑް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. މިއީ ޔުނައިޓެޑުން ލީގުގައި ރަށުން ބޭރުގައި ޖެހިޖެހިގެން މޮޅުވި 10 ވަނަ މެޗެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޝެފީލްޑުންނެވެ. މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ޔުނައިޓެޑުގެ ގޯލްކީޕަރު ޑީން ހެންޑަސަނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑޭވިޑް މެކްގޯލްޑްރިކެވެ. އެކަމަކު ޔުނައިޓެޑުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން މެޗުގެ 26 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑް ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދިންއިރު، އޭގެ ހަތް މިނެޓު ފަހުން ޔުނައިޓެޑަށް ލީޑު ނަގައިދިނީ އެންތަނީ މާޝިއަލްއެވެ.
އަދި މެޗުގެ ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ރަޝްފޯޑް ވަނީ އިތުރު ލަނޑެއް ޖަހާ ޔުނައިޓެޑުގެ ލިޑު ފުޅާކޮށްދީފައެވެ. އޭގެ ފަހުން މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ޝެފީލްޑުގެ މެކްގޯލްޑްރިކް ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްދީފައެވެ.
މި މޮޅާއެކު ޔުނައިޓެޑް ވަނީ ކުޅުނު 12 މެޗުން 23 ޕޮއިންޓް ހަމަކޮށް ލީގުގެ ހަވަނައަށް ޖެހިލާފައެވެ. ޔުނައިޓެޑަށްވުރެ އެއް މެޗު އިތުރަށް ކުޅެގެން 23 ޕޮއިންޓާއެކު ފަސްވަނައިގައި އޮތީ އެވަޓަނެވެ. އަދި ޔުނައިޓެޑް އަތުން ބަލިވި ޝެފީލްޑް ފުލުގައި އޮތީ 13 މެޗުން އެންމެ ޕޮއިންޓަކާއެކުއެވެ.