ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްގައި އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑުގެ ތަރި ރޮބަޓް ލެވަންޑޯސްކީ ހޯދައިފިއެވެ.
މީގެ ކުރިން ކޮވިޑް-19 އާ ގުޅިގެން ފަސްކުރި ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް ބޭއްވީ ބުރާސްފަތި ދުވަހުގެރޭ ވާޗުއަލްކޮންނެވެ.
މި ފަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ލެވަންޑޯސްކީ ހޯދީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އާއި ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ ވާދަކޮށްގެންނެވެ. މީގެ ކުރިން ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ލެވަންޑޯސްކީ ވަނީ މިދިޔަ ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ބަޔާނުން މިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގު ސައްތައިން ސައްތަ ރިކޯޑަކާއެކު ކާމިޔާބުކުރިއިރު، ލެވަންޑޯސްކީ ވަނީ އެ މުބާރާތުގައި 15 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިދިޔަ ސީޒަނުގެ ޖަރުމަން ލީގުގައި ލެވަންޑޯސްކީ ވަނީ 34 ލަނޑު ޖަހާފައެވެ. އަދި ލެވަންޑޯސްކީ ވަނީ ޗެމްޕިއަންސް ލީގާއި ޖަރުމަން ލީގުގެ އިތުރުން މިދިޔަ ސީޒަނުގެ ޖަރުމަން ކަޕުވެސް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްގައި ހޮވި އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދީ އިންގްލެންޑުގެ ލޫސީ ބްރޮންޒެވެ. އަދި އެންމެ މޮޅު ފިރިހެން ގޯލްކީޕަރުގެ މަގާމު ބަޔާނުގެ މެނުއެލް ނޯޔާ ހޯދިއިރު، އެންމެ މޮޅު އަންހެން ގޯލްކީޕަރުގެ އެވޯޑް ލިބުނީ އޮލިމްޕިކް ލިޔޯނުގެ ސާރާ ބުހާދީއަށެވެ.
މީގެ އިތުރުން އެންމެ މޮޅު ފިރިހެން ކޯޗުގެ މަގާމަށް ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ހޮވުނުއިރު، އެންމެ މޮޅު އަންހެން ކޯޗުގެ މަގާމަށް ހޮވުނީ ނެދަލެންޑްސްގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗު ސަރީނާ ވިއެގްމަންއެވެ.
އަދި އެންމެ މޮޅު ލަނޑަށް ދޭ ފީފާ ޕުސްކަސް އެވޯޑް މި ފަހަރު ލިބުނީ ޓޮޓެންހަމް ހޮޓްސްޕާގެ ސޮން ހުއެން-މިންއަށެވެ. މި ފަހަރުގެ ޕުސްކަސް އެވޯޑަށް ހޮވާފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީއާ ދެކޮޅަށް ސެން ޖެހި ލަނޑެވެ. މި އެވޯޑުތަކުގެ އިތުރުން ފީފާ ފެއާޕްލޭ އެވޯޑާއި ފީފާގެ އެންމެ މޮޅު ޓީމުގެ ގޮތުގައި ފީފާ ޕްރޯ އެލެވެންވެސް ވަނީ ހޮވާފައެވެ.
ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް ފެށުމަށްފަހު ފީފާއިން ގެނައި އެންމެ ބޮޑު ބަދަލަކީ ސަޕޯޓަރުންނަށް ވޯޓު ލެވޭ ގޮތް ހެދުމެވެ. ސަޕޯޓަރުންގެ ވޯޓު ނަގާފައިވަނީ މުޅި ދުނިޔެއިން ހޮވާލެވުނު 200 މީޑިއާއެއްގައި ސެޓް ކުރި ވޯޓިން ޕޯލްތަކުންނެވެ. ފީފާގެ އެވޯޑުގައި ދެން ވޯޓުލާފައިވަނީ ގައުމީ ޓީމުތަކުގެ ކޯޗުންނާއި ކެޕްޓަނުންގެ އިތުރުން ހޮވާލެވުނު ނޫސްވެރިންނެވެ.