މިފަހަރު މިލިބުނު ހޫނު މަރުހަބާއާއި އެކު އަލުން އަނބުރާ ރާއްޖެ އަންނަން ޖެހޭނެ ކަމަށް މިއަހަރު ރާއްޖެ އައި ފަސް ލައްކަ ވަނަ ފަތުރުވެރިޔާ ބުނެފިއެވެ.
ޖަރުމަނުވިލާތައް ނިސްބަތްވާ ކްރިސްޓިން މެޑާލީން އާއި އޭނާގެ ބައިވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، ދެމީހުންވެސް ބުނީ ދަތުރު ފެށިގެން މިއައީވެސް ވަރަށް އުފާވެރިކޮށްކަމަށެވެ.
ޖަރުމަނުގެ ފިނިން ދަތުރުކޮށް ރާއްޖެ އައުމާއި އެކު މި ލިބުނު ހޫނު މަރުހަބާގެ ސަބަބުން ރާއްޖޭގައި ހޭދަކުރާނެ މި ދުވަސްތައް ވެގެންދާނީ ހިތްހަމަޖެހޭ ދުވަސްތަކަކަށް އިހުސާސްކުރެވޭ ކަމަށް އެދެމީހުން ބުނެއެވެ.
އެގޮތުން 10 ދުވަހަށް ރާއްޖެއައި މި ދެމީހުން ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އިހްތިޔާރުކުރީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މިހާލަތުގައިވެސް ރާއްޖެއަކީ ސަލާމަތީ ގޮތުން އެންމެ ރައްކާތެރި މަންޒިލްކަމަށް ގަބޫލުކުރެވޭތީކަމަށް ކްރިސްޓިން އާއި އޭނާގެ ބައިވެރިޔާ ބުނެއެވެ. އަދި މިދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ އަމަން އޮމާން ކަމާއި ހިތްހެޔޮ މީހުންނާއި އެކު އުފާވެރި ދުވަސްތަކެއް ހޭދަކޮށްލެވޭނެ ކަމަށް ދެމީހުންވެސް އުންމީދުކުރެއެވެ.
ކްރިސްޓިން ވަނީ ރާއްޖެއަކީ އޭނާގެ ޑްރީމް ޑެސްޓިނޭޝަން ކަމަށްވެސް ބުނެފައެވެ.
ބަލިމަޑުކަމުގެ ތެރޭގައިވެސް ރާއްޖެ އިހްތިޔާރުކުރީ ރާއްޖެއަކީ މިހާލަތުގައި އެންމެ ރައްކާތެރި އެއް މަންޒިލްކަމަށް ގަބޫލުކުރާތީއާއި ރާއްޖެއަށް އައުމަށް ހަދަންޖެހެ ޓެސްޓާއި އިމިގްރޭޝަނުން ފުރިހަމަކުރަންޖެހެ ކަންކަން ފުރިހަމަ ކުރުމަށް ރާވާލާފައިވާ ފަސޭހަގޮތުގެ ސަބަބުން ކަމަށް ކްރިސްޓިން އާއި އޭނާގެ ބައިވެރިޔާ ފާހަގަކުރިއެވެ.
އަންނަ އަހަރުވެސް ރާއްޖެ އަންނާނެ ކަމުގެ ވާހަކަ މިދެބައިވެރިން ދައްކާފައިވާއިރު، އާއިލާ މެންބަރުންނާއި ރައްޓެހިންނަށް ވެސް ރާއްޖެއައުމަށް ދައުތުވަތު ދޭނެ ކަމަށާއި ރާއްޖެ ހިމެނޭނީ ލިސްޓުގެ އެއްވަނައިގައި ކަމަށް ކްރިސްޓިން ވަނީ ބުނެފައެވެ.