ކ. މާލެ
|
17 ޑިސެންބަރ 2020 | ބުރާސްފަތި 15:31
ނަޞްރުﷲ އަޙްމަދުގެ 60 ވަނަ މެރެތަންގެ މެޑެއްޔާއި ޖާޒީ ރައީސް ޞާލިޙަށް އަރުވަނިކޮށް
ނަޞްރުﷲ އަޙްމަދުގެ 60 ވަނަ މެރެތަންގެ މެޑެއްޔާއި ޖާޒީ ރައީސް ޞާލިޙަށް އަރުވަނިކޮށް
ރައީސް އޮފީސް
ނަޞްރުގެ މެޑެއްޔާއި ޖާޒީ ރައީސަށް
ނަޞްރުގެ 60 ވަނަ މެރެތަންގެ މެޑެއްޔާއި ޖާޒީ ރައީސް ޞާލިޙަށް
ނަޞްރު އޭނާގެ 60 ވަނަ މެރެތަން ފުރިހަމަކުރީ މޮސްކޯ ރަނިން މެރެތަނުގައި ވާޗުއަލްކޮށް ބައިވެރިވެ
ނަޞްރަކީ އެންމެ ގިނަ މެރެތަން ދުވި ދިވެހި ދުވުންތެރިޔާ

އެންމެ ގިނަ މެރެތަން ދުވި ދިވެހި ދުވުންތެރިޔާގެ ޝަރަފު އޮތް އެމްއެންޑީއެފުގެ ނަޞްރުﷲ އަޙްމަދުގެ 60 ވަނަ މެރެތަންގެ މެޑެއްޔާއި ޖާޒީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހަދިޔާކޮށްފިއެވެ.

މި މެޑެއްޔާއި ޖާޒީ ރައީސަށް ހަދިޔާކޮށްފައިވަނީ އެކަމަށްޓަކައި ބުރާސްފަތި ދުވަހު މެންދުރުކުރީގައި ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ނަޞްރު އޭނާގެ 60 ވަނަ މެރެތަން ފުރިހަމަކުރީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު މޮސްކޯ ރަނިން މެރެތަނުގައި ވާޗުއަލްކޮށް ބައިވެރިވެ، 3 ގަޑިއިރު 40 މިނެޓު 15 ސިކުންތުން ރޭސް ނިންމައިގެންނެވެ. ނަޞްރު ހުޅުމާލޭގައި ދުވެ މެރެތަން ޖެހިއިރު، ރޫޓް އެޕްރޫވްކޮށް ޓެކްނިކަލް ކަންކަން ބެލެހެއްޓީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިންނެވެ. އޭގެ ފަހުންވެސް އިތުރު ފަސް މެރެތަން ނަޞްރު ނިންމާފައިވާއިރު، ނަޞްރު ވަނީ ޖުމްލަ 65 މެރެތަންގައި ދުވެފައެވެ.

ނަޞްރާއެކު ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، މެރެތަން ދުވުމުގެ ދާއިރާއިން ނަޞްރު ހޯދާފައިވާ ކާމިޔާބީ ފާހަގަކުރައްވައި، އެ ކަމަށް މަރުހަބާ ދަންނަވާފައެވެ. އަދި ނަޞްރުގެ އެންމެ ބޮޑު އެއް އަމާޒުކަމުގައިވާ، އެންމެ ގިނަ މެރެތަން ދުވެފައިވާ އޭޝިއާ ސަރަހައްދުގެ ދުވުންތެރިޔާގެ ޝަރަފު ހޯދުމަށް ކުރަމުންދާ މަސައްކަތަށް ހިތްވަރުދެއްވިއެވެ. މީގެ އިތުރުން މެރެތަން މުބާރާތްތަކަށް ތައްޔާރުވުމުގައި އަމަލުކުރާ ގޮތާއި، ކުރިމަތިވާ ދަތިތަކުގެ މައުލޫމާތު ސާފުކުރައްވައި، ކުރިއަށް އޮތް ތަނުގައި ހިތްވަރާއެކު މަސައްކަތްކުރުމުގައި ދެމިހުންނެވުމަށްވެސް ރައީސް އެދިވަޑައިގެންނެވިއެވެ.

މިއަހަރުގެ ތެރޭގައި ޖުމްލަ 18 މެރެތަން ޖެހުމަށް ނަސްރު މީގެ ކުރިން އަމާޒުހިފި ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން އެކަން ދެން ކާމިޔާބެއް ނުވާނެއެވެ. ނަސްރު ވަނީ މިދިޔަ އަހަރު އެކަނިވެސް 13 މެރެތަން ދުވެފައެވެ.

ސިފައިންގެ ސްޓާފް ސާޖަންޓް، ނަޞްރު ދުވުމުގެ ތެރެއަށް ވަނީ 2000 ގެ ކުރީކޮޅުއެވެ. އަދި އޭގެ ފަހުން 2008 ގައި އޮތް އެމްޓީސީސީ މެރަތަން ރޭސް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމުމުން، ދިގު ރާސްތާ ދުވުންތަކުގައި އޭނާ ފާހަގަކޮށްލެވުނެވެ. އަދި ނަޞްރުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ 2019 ވަނަ އަހަރު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ފަސްވަނަ ހިންދުސްތާން މެރެތަނެވެ. އެ މެރެތަންގެ އެއްވަނަ ނަޞްރު ހޯދިއިރު، އޭނާ އެ މެރެތަން ނިންމީ ތިން ގަޑިއިރާއި 29 މިނެޓު 38 ސިކުންތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް