ޖަރުމަން ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ފަހަތުން އަރައި ވުލްފްސްބާގް ބަލިކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ބަޔާން މޮޅުވީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވުލްފްސްބާގުންނެވެ. މެޗުގެ ފަށައިގެން ފަސްވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަކްސިމިލިއަން ފިލިޕެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާނުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެެވެ.
އަދި ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ލެވަންޑޯސްކީ ވަނީ ބަޔާނަށް މެޗުގައި ލީޑު ނަގައިދީފައެވެ. މި މެޗުގައި އުމުރުން 32 އަހަރުގެ ލެވަންޑޯސްކީ ދެ ލަނޑު ޖެހިއިރު، މި ދެ ލަނޑާއެކު އޭނާ މިހާތަނަށް ވަނީ ޖަރުމަން ލީގުގައި 250 ލަނޑު ހަމަކޮށްފައެވެ.
ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ވުލްފްސްބާގް އަތުން ފަހަތުން އަރައި ބަޔާން މޮޅުވިއިރު، އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގައި 12 މެޗުން 27 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި 12 މެޗުން 28 ޕޮއިންޓާއެކު އޮތީ ބަޔާ ލެވަކޫސެނެވެ. އަދި ބުދަ ދުވަހުގެރޭ ޑޯޓްމުންޑް އަތުން ބަލިވި ވުލްފްސްބާގް އޮތީ ތާވަލުގެ ފަސްވަނައިގައި 12 މެޗުން 21 ޕޮއިންޓާއެކުއެވެ.