އިޓާލިއަން ލީގުގައި ބުދަ ދުވަހުގެރޭ ނާޕޮލީ ބަލިކޮށް އިންޓަ މިލާނުން ތާވަލުގެ އެއްވަނައިގައި އޮތް އޭސީ މިލާނާ ދެމެދު އޮތް ފަރަގު ޕޮއިންޓަކަށް ކުޑަކޮށްފިއެވެ.
ބުދަ ދުވަހުގެރޭ ކުޅުނު މެޗުން މިލާން އެއްވަރުވިއިރު، އިންޓަ މޮޅުވީ އަމިއްލަ ދަނޑުގައި ނާޕޮލީ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.
ކުރިން ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެއްވަނައިގައި އޮތް މިލާން އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް އެއްވަރުވިއިރު، މިހާރު އެ ޓީމު އެއްވަނައިގައި އޮތީ 12 މެޗުން 28 ޕޮއިންޓާއެކުއެވެ. އަދި އިންޓަ ދެވަނައިގައި އޮތީ 27 ޕޮއިންޓާއެކުއެވެ.
އިންޓަގެ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއެވެ. މިއީ އޭރިއާ ތެރެއިން އިންޓަގެ މަޓެއޯ ޑާމިންއަށް ނާޕޮލީގެ ގޯލްކީޕަރު ޑޭވިޑް އޮސްޕީނާ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އެ ޕެނަލްޓީ ދިނުމުން ހިތްހަމަނުޖެހި ރެފުރީއާ ޒުވާބުކުރުމުން ނާޕޮލީގެ ކެޕްޓަން ލޮރެންޒީ އިންސީނޭއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.
އިންޓަ މޮޅުވިއިރު، އެ ޓީމާ ވާދަވެރި މިލާން އެއްވަރުވީ ރަށުން ބޭރުގައި ކުޅުނު މެޗުގައި ޖެނޯއާއާ ވާދަކޮށް 2-2 ންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ޖެނޯއާއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަޓެއޯ ޑެސްޓްރޯއެވެ. އެކަމަކު އޭގެ ފަސް މިނެޓު ފަހުން ޑެވިޑޭ ކަލަބްރިއާ ވަނީ މިލާނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުގައި ޖެނޯއާއިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 60 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖެހި ޑެސްޓްރޯއެވެ. މި މެޗުން މިލާން ބަލިނުވެ ސަލާމަތްވީ މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ޕިއެރޭ ކަލޫލޫ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މީގެ އިތުރުން ލީގުގައި ބުދަ ދުވަހުގެރޭ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ވަނީ އެޓަލާންޓާއާ ވާދަކޮށް 1-1 ން އެއްވަރުވެފައެވެ.
ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުވެންޓަސްއިންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެޑެރިކޯ ކިއެސާއެވެ. އޭގެ ފަަަހުން މެޗުގެ 57 ވަނަ މިނެޓުގައި އެޓަލާންޓާއަށް ނަތީޖާ އެއްވަރުކޮށްދިނީ ރެމޯ ފްރުލާއެވެ. މި މެޗުގެ 61 ވަނަ މިނެޓުގައި ޔުވެންޓަސް އަލުން ލީޑު ނަގަން ލިބުނު ޕެނަލްޓީއެއް ލިބުނު ނަމަވެސް، ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ޕެނަލްޓީ އެޓަލާންޓާގެ ގޯލްކީޕަރު ވަނީ މަތަކޮށްފައެވެ.
މި ނަތީޖާއާއެކު ޔުވެންޓަސް އޮތީ ތާވަލުގެ ތިންވަނައިގައި 12 މެޗުން 24 ޕޮއިންޓާއެކުއެވެ. އަދި ޔުވެންޓަސްއާ އެއްވަރުކުރި އެޓަލާންޓާ އޮތީ ތާވަލުގެ އަށްވަނައިގައި 11 މެޗުން 18 ޕޮއިންޓާއެކުއެވެ.