ކ. މާލެ
|
17 ޑިސެންބަރ 2020 | ބުރާސްފަތި 10:59
ލިވަޕޫލާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 2-1 ން
ލިވަޕޫލާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 2-1 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޓޮޓެންހަމް ބަލިކޮށް ލިވަޕޫލް އެއްވަނައަށް
ޓޮޓެންހަމް އަތުން ލިވަޕޫލް މޮޅުވީ 2-1 ގެ ނަތީޖާއަކުން
ލިވަޕޫލް އެއްވަނައަށް ޖެހިލީ 28 ޕޮއިންޓާއެކު

އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށް ތާވަލުގެ އެއްވަނައަށް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ލިވަޕޫލް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ލިވަޕޫލުން ވަނީ އަމިއްލަ ދަނޑުގައި ލީގު މެޗަކުން ބަލިނުވެ 66 މެޗު ހަމަކޮށްފައެވެ.

މުޅި މެޗު ލިވަޕޫލުން ޑޮމިނޭޓުކޮށްގެން ކުޅުނުއިރު، އެ ޓީމުން ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ލިވަޕޫލުންނެވެ. މެޗުގެ 26 ވަނަ މިނެޓުގައި މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ސަލާހެވެ. އެކަމަކު އޭގެ ހަތް މިނެޓު ފަހުން ކައުންޓަ އެޓޭކެއްގައި ސޮން ހުއެން-މިން ވަނީ ޓޮޓެންހަމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފުވެސް ލިވަޕޫލުން ޑޮމިނޭޓުކުރި ނަމަވެސް، މި ހާފުގައި ޓޮޓެންހަމުން ވަނީ ލިވަޕޫލުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން އެ ޓީމުގެ ސްޓީވެން ބާގްވެއިން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ. އަދި އޭގެ ފަހުން ލިވަޕޫލުގެ ސަޑިއޯ މާނޭ ފޮނުވާލި ހަމަލާއެއްވެސް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗު އެއްވަރުވާން ދަނިކޮށް މެޗުން ލިވަަޕޫލް މޮޅުވީ މެޗުގެ ފަހު މިނެޓުގައި ރޮބާޓޯ ފިރްމީނޯ ކާމިޔާބުކުރި ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އެންޑީ ރޮބަޓްސަން ނަގައިދިން ކޯނަރަކުންނެވެ.

މި މޮޅާއެކު ލިވަޕޫލް އެއްވަނައަށް ޖެހިލީ ކުޅުނު 13 މެޗުން ލިބުނު 28 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޓޮޓެންހަމަށް 13 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތީ ބުދަ ދުވަހުގެރޭ އާސެނަލާ 1-1 ން އެއްވަރުކުރި ސައުތެމްޓަނެވެ. އެ ޓީމަށް 13 މެޗުން 24 ޕޮއިންޓް ލިބުނުއިރު، ލެސްޓާ ސިޓީވެސް ވަނީ އެ އަދަދަށް ޕޮއިންޓް ހޯދާފައެވެ. ބުދަ ދުވަހުގެރޭ ލެސްޓާ ވަނީ އަމިއްލަ ދަނޑުގައި އެވަޓަން އަތުން 2-0 ން ބަލިވެފައެވެ.

- ކޮމެންޓް