ގައުމީ އަންހެން އަދި ފިރިހެން ބާސްކެޓްބޯޅަ ޓީމުގެ ސްކޮޑް ނެގުމުގެ ގޮތުން ކުރިއަށްގެންދާ ޓްރައި-އައުޓުތަކުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ގައުމީ ބާސްކެޓްބޯޅަ ޓީމުތައް އެކުލަވާލަން ޓްރައި-އައުޓްތަކެއް ބާއްވަން ނިންމީ ކޮވިޑް-19ގެ ސަަބަބުން ދިގު މުއްދަތަކަށް ގިނަ ކުޅުންތެރިންތަކެއް މެޗުތަކެއް ނުކުޅެ ތިބުމަށްފަހު، އަލުން ގައުމީ ސްކޮޑުތައް އެކުލަވާލާއިރު އައު ކުޅުންތެރިންނަށްވެސް ފުރުސަތު ދިނުމުގެ ގޮތުންނެވެ.
އެހެންކަމުން މި ޓްރައި-އައުޓުތަކުގައި ބައިވެރިވާން ބޭނުންވާ ކުޅުންތެރިން، އެކުޅުންތެރިއެއްގެ ފުރިހަމަ ނަމާއި އުފަން ތާރީޚާއި ގުޅޭނެ ފޯނު ނަންބަރު އަދި އައި.ޑީ ކާޑް ނަންބަރު އެނގޭނޭ ގޮތަށް އަންނަ ހޮނިހިރު ދުވަހުގެ 13:30 ގެ ކުރިން އެމްބީއޭގެ މެއިލް ([email protected]) އަށް މެއިލް ކޮށްދިނުމަށް ވަނީ އެދެފައެވެ.
ޒުވާނުންގެ މަރުޒަކުގެ އެތެރޭ ކޯޓުގައި ޓްރައި-އައުޓުތައް ކުރިއަށްދާއިރު، ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ސްކޮޑް ނެގުމުގެ ޓްރައި-އައުޓް އޮންނާނީ މި މަހުގެ 20، 22 އަދި 24 ވަނަ ދުވަހުގެ 20:45 ން 23:00 ގެ ނިޔަލަށެވެ. އަދި ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމުގެ ސްކޮޑް ނެގުމުގެ ޓްރައި-އައުޓް އޮންނާނީ މި މަހުގެ 21، 23 އަދި 26 ވަނަ ދުވަހުގެ 20:45 ން 23:00 ގެ ނިޔަލަށެވެ.
ކޮވިޑް-19 ގެ ބްރޭކަށްފަހު ބާސްކެޓްބޯޅައިގެ ހަރަކާތްތައް ފެށުމަށް ތައްޔާރުވަމުން އަންނައިރު، އެންމެ ފަހުން ބޭއްވި ބާސްކެޓްބޯޅަ މުބާރާތްތަކަކީ މި އަހަރުގެ ފެބްރުއަރީ މަހު ކުރިއަށްގެންދިޔަ ގައުމީ ބާސްކެޓްބޯޅަ ލީގާއި ގައުމީ ބާސެކްޓްބޯޅަ މުބާރާތެވެ.
އަދި އެންމެ ފަހުން ގައުމީ ބާސްކެޓްބޯޅަ ޓީމުތަކުން ވާދަކުރި މުބާރާތަކީ މިދިޔަ އަހަރުގެ ފަހުކޮޅު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްއެވެ. އެ ގޭމްސްގައި ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުން ވަނީ ލޯ މެޑަލް ހޯދާފައެވެ. މިއީ ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމުން ބައިނަލްއަގުވާމީ މުބާރާތަކުން މެޑަލް ހޯދި ފުރަތަމަ ފަހަރެވެ.