އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) ގެ މެރިޓް އެވޯޑް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް (މަރޭ) އަށް ލިބިވަޑައިގެންފިއެވެ.
މި އެވޯޑް މަރުޒޫގަށް އެރުވީ އޭޝިއާގެ ކުޅިވަރަށް މިދިޔަ 11 އަހަރު ކޮށްދެއްވި އަގުހުރި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. މި އެވޯޑާ މަރުޒޫގް ހަވާލުވެވަޑައިގެންފައިވަނީ އޮމާނުގެ މަސްކަޓުގައި ކުރިއަށްދިޔަ 39 ވަނަ އޯސީއޭގެ ޖެނެރަލް އެސެމްބްލީގައެވެ.
އޮމާނުގައި ހުންނަވާ "ރާއްޖެ.އެމްވީ" އާ ވާހަކަދައްކަވަމުން މަރުޒޫގް ވިދާޅުވީ މި އެވޯޑުގެ ހައްގުވެރިންނަކީ ދިވެހި ކުޅިވަރު އާއިލާ ކަމަށާއި، އޭގެ ތެރެއިންވެސް ދިވެހި އެތުލީޓުންނަށް މި އެވޯޑް ހާއްސަވާ ކަމަށެވެ. އަދި މި ހިސާބަށް އައިރު ދިވެހި އެތުލީޓުންގެ ފަރާތުން އޭނާއަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށާއި، އެކަމަށްޓަކައި ދިވެހި ކުޅިވަރުގައި ހަރަކާތްތެރިވާ އެންމެންނަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށްވެސް މަރުޒޫގް ވިދާޅުވިއެވެ.
މަރުޒޫގަށް އޯސީއޭގެ މެރިޓް އެވޯޑް ލިބިވަޑައިގެންނެވިއިރު، އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ 2009 ވަނަ އަހަރު ހަވާލުވުމަށްފަހު އޭނާ އަންނަނީ ދިވެހި ކުޅިވަރަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވަމުންނެވެ. އެގޮތުން މަރުޒޫގް އިސްވެވަޑައިގެން ދިވެހި އެތުލީޓުން ތަމްރީނުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، ރާއްޖެއަށް 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިދިން ހަސަން ސާއިދަކީ އޭގެ ތެރެއިން ލިބުނު ފުރުސަތުގެ ބޭނުން ހިފި އެތުލީޓެކެވެ. އަދި ގިނަ އަދަދެއްގެ އެތުލީޓުންނަށާއި ޓީމުތަކަށްވެސް މަރުޒޫގް ވަނީ ބޭރުން ތަމްރީނު ހެދުމުގެ ފުރުސަތު ހޯދައިދީފައެވެ.
ދިވެހި އެތުލީޓުން ތަމްރީނުކުރުމުގެ އިތުރުން ރާއްޖޭގައި ބައިނަލްއަގުވާމީ ބޮޑު ގޭމްސްއެއް ބޭއްވުމަކީވެސް މަރުޒޫގް ދެކެމުން އަންނަ ހުވަފެނެކެވެ. އެގޮތުން މަރުޒޫގް އިސްވެ ހުރެ 2023 ވަނަ އަހަރުގެ އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމުގެ ބިޑް ކާމިޔާބުކުރެއްވިއެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން އެ އަހަރު މި ގޭމްސް ރާއްޖޭގައި ނުބޭއްވޭނެތީ، އެ ފުރުސަތު މިހާރު ވަނީ ރާއްޖެއަށް ގެއްލިފައެވެ.
އޮލިމްޕިކް ކޮމިޓީއާ ގުޅުމުގެ ކުރިން މަރުޒޫގު ވަނީ ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުވެސް ފުރުއްވާފައެވެ. ކުރީގެ މަޝްހޫރު ރެފުރީ އަދި ސ. ފޭދޫ ޑީއެންސީ ހިންގެވުމުގައި އިސްކޮށް އުޅުއްވި މަރްހޫމް ހުސެއިން ދީދީ (ޖޯޖް) ގެ ބޭފުޅެއް ކަމަށްވާ މަރުޒޫގް ވަނީ ފުޓްބޯޅަ ކެރިއަރުގައި ޔޫތު ގައުމީ ފުޓްބޯޅަ ޓީމުތަކަށާއި ކުލަބު ވެލެންސިއާ އަދި އައިއެފްސީއަށްވެސް ކުޅެފައެވެ.
މަރުޒޫގަށް އޯސީއޭ މެރިޓް އެވޯޑް ލިބިވަޑައިގެންނެވިއިރު، މީގެ ކުރިން ދިގު މުއްދަތަކަށް ރާއްޖޭގެ ކުޅިވަރަށް ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެމްއޯސީގެގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލަށްވެސް ވަނީ މި އެވޯޑު ލިބިވަޑައިގެންފައެވެ.