ވަގުތީ ކޯޗު އެޑިން ޓާޒިޗުގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން ބޮރޫޝިއާ ޑޯޓްމުންޑް މޮޅުވެއްޖެއެވެ.
ޖަރުމަން ލީގުގައި އަންގާރަ ދުވަހުގެރޭ ރަށުން ބޭރުގައި ވާޑާ ބްރެމެންއާ ދެކޮޅަށް ކުޅުނު މެޗުން ޑޯޓްމުންޑް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
މީގެ ކުރިން ލީގުގައި ހޮނިހިރު ދުވަހުގެރޭ ސްޓުޓްގާޓް އަތުން އަމިއްލަ ދަނޑުގައި 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޑޯޓްމުންޑް ބަލިވުމާ ގުޅިގެން އެ ޓީމުގެ ކޯޗުގެ މަގާމުން ލޫސިއެން ފާވްރޭ ވަނީ ވަކިކޮށްފައެވެ. އެއާއެކު މި ސީޒަނުގައި ދެން އެ ޓީމަށް އިރުޝާދު ދޭނީ އެސިސްޓަންޓް ކޯޗު ޓާޒިޗް ކަމަށް ވަނީ ނިންމާފައެވެ.
ޓާޒިޗުގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ޑޯޓްމުންޑުންނެވެ. މެޗު ފަށައިގެން 12 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަފައެލް ގުއެރޭރޯއެވެ. އެކަމަކު މެޗުގެ 28 ވަނަ މިނެޓުގައި ކެވިން މޫވަލްޑް ވަނީ ވާޑާ ބްރެމެންއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
އޭގެ ފަހުން މި މެޗުގައި ޑޯޓްމުންޑުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މި ހަމަލާތައް ހުއްޓުވުމުގައި ވާޑާ ބްރެމެންގެ ގޯލްކީޕަރު ޖިރީ ޕަވްލެންކާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެކަމަކު މި މެޗުން ޑޯޓްމުންޑް މޮޅުވީ 79 ވަނަ މިނެޓުގައި މާކޯ ރެއުސް ކާމިޔާބުކުރި ލަނޑުންނެވެ. ރެއުސް ފޮނުވާލި ފުރަތަމަ ޕެނަލްޓީ ވާޑާ ބްރެމެންގެ ގޯލްކީޕަރު މަތަކުރި ނަމަވެސް، ދެވަނަ ފަހަރު ލިބުމުން ރެއުސް ވަނީ އެ ބޯޅަ ގޯލުގެ ތެެރެއަށް ފޮނުވާލާފައެވެ.
މި މޮޅާއެކު ޑޯޓްމުންޑް އޮތީ ތާވަލުގެ ހަތަރުވަނައިގައި 12 މެޗުން 22 ޕޮއިންޓާއެކުއެވެ. އަދި ޑޯޓްމުންޑް އަތުން ބަލިވި ވާޑާ ބްރެމެން އޮތީ ތާވަލުގެ 13 ވަނައިގައި 12 މެޗުން 11 ޕޮއިންޓާއެކުއެވެ.