ސްޕެނިޝް ލީގުގައި އަންގާރަ ދުވަހުގެރޭ ކަރިމް ބެންޒެމާ ކާމިޔާބުކުރި ދެ ލަނޑާއެކު އެތުލެޓިކް ބިލްބާއޯ އަތުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރެއާލް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފަށައިގެން 13 ވަނަ މިނެޓުގައި ބިލްބާއޯގެ ރައުލް ގާސިއާއަށް ރެފުރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ. އެއާއެކު މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ބިލްބާއޯއިން ކުޅުނުއިރު، ފުރަތަމަ ހާފުގައި ރެއާލުން ވަނީ ލީޑު ނަގާފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރެއާލަށް ލީޑު ނަގައިދިނީ ޓޯނީ ކްރޫސްއެވެ.
އެކަމަކު ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި އެންޑާ ކާޕާ ވަނީ ލަނޑެއް ޖަހާ ބިލްބާއޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުގައި ރެއާލުން ދެވަނަ ފަހަރަށް ލީޑު ނެގީ 74 ވަނަ މިނެޓުގައި ބެންޒެމާ ކާމިޔާބުކުރި ލަނޑުންނެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ބެންޒެމާ ވަނީ އިތުރު ލަނޑެއް ޖަހާ ރެއާލަށް ލީޑު ފުޅާކޮށްދީފައެވެ.
މި ނަތީޖާއާއެކު އެއްވަނައިގައި އޮތް ރެއާލް ސޮސިއެޑާޑާއި، ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުގެ އިތުރުން ތިންވަނައިގައި އޮތް ރެއާލަށް ވަނީ 26 ޕޮއިންޓް ލިބިފައެވެ. މީގެ ތެރެއިން ސޮސިއެޑާޑާއި ރެއާލުން އެ އަދަދަށް ޕޮއިންޓް ހަމަކުރީ 13 މެޗު ކުޅެގެންނެވެ. އެކަމަކު ދެވަނައިގައި އޮތް އެތުލެޓިކޯ މިހާތަނަށް ކުޅެފައިވަނީ 11 މެޗެވެ.