ކ. މާލެ
|
15 ޑިސެންބަރ 2020 | އަންގާރަ 18:03
ލްސީގެ ޒުވާން ޓީމަށް ގޯލްކީޕަރު ޕީޓާ ޗެކް ކުޅެދިން މެޗުގެ ތެރެއިން
ލްސީގެ ޒުވާން ޓީމަށް ގޯލްކީޕަރު ޕީޓާ ޗެކް ކުޅެދިން މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޕީޓާ ޗެކް މެޗެއް ކުޅެދިނުން
ފުޓްބޯޅައިން ރިޓަޔާކުރި ޗެކް ޗެލްސީގެ ޖާޒީގައި
ޗެކް ފުޓްބޯޅައިން ރިޓަޔާކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި
ޗެލްސީގެ ޒުވާން ޓީމަށް ޗެކް ވަނީ ކުޅެދީފައި

މިދިޔަ އަހަރު ފުޓްބޯޅައިން ރިޓަޔާކުރި ގޯލްކީޕަރު ޕީޓާ ޗެކް ޗެލްސީގެ ޒުވާން ޓީމަށް މެޗެއް ކުޅެދީފިއެވެ.

ޗެލްސީގައި 11 އަހަރު ހޭދަކުރުމަށްފަހު އުމުރުން މިހާރު 38 އަހަރުގެ ޗެކް ރިޓަޔާކުރީ އާސެނަލަށް ކުޅުމަށްފަހު މިދިޔަ އަހަރުގެ ތެރޭގައެވެ. އެކަމަކު ހޯމަ ދުވަހުގެރޭ ޓޮޓެންހަމް ހޮޓްސްޕާގެ 23 އަހަރުން ދަށުގެ ޓީމު އަތުން 3-2 ން ޗެލްސީގެ 23 އަހަރުން ދަށުގެ ޓީމު މޮޅުވި މެޗުގައި ޗެކް ވަނީ ކުޅެފައެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހަށްފަހު ޗެކް ކުޅުނު ފުރަތަމަ މެޗެވެ.

ޗެލްސީގެ ޒުވާން ޓީމަށް ޗެކް މެޗެއް ކުޅެދިންއިރު، އިނގިރޭސި ޕްރިމިއާ ލީގަށް ޗެލްސީން އެކުލަވާލި 25 ކުޅުންތެރިންގެ ސްކޮޑުގައި ޗެކް ވަނީ ހިމަނާފައެވެ. އޭނާ މިހާރު ހުރީ ޗެލްސީގެ ޓެކްނިކަލް ޕާފޯމަންސް އެޑްވައިޒަރުގެ މަގާމުގައެވެ. އެގޮތުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޗެލްސީން ބޭނުންވި ކުޅުންތެރިން ހޯދުމުގައި ޗެކްގެ ދައުރު ބޮޑެވެ. އެގޮތުން ރެނެސްއަށް ކުޅެމުން އައި ސެނެގާލުގެ ގޯލްކީޕަރު އެޑޮއާޑް މެންޑީގެ ސޮއިވެސް ޗެލްސީން ހޯދިއިރު، އެ ޓްރާންސްފާގައި ޗެކް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ޗެލްސީގެ ޕްރިމިއާ ލީގު ސްކޮޑުގައި އެ ޓީމުގެ ލެޖެންޑް ޗެކްގެ ނަން ހިމެނީ އެ ޓީމުގެ ގޯލްކީޕަރުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުންނެވެ. ޗެލްސީގައި މި ވަގުތު ތިބީ ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރުގެ ގޮތުގައި ގެނައި ސްޕެއިނުގެ ކެޕާ އަރިއްޒަބަލާގާ އާއި، އާޖެންޓީނާގެ ގޯލްކީޕަރު ވިލީ ކަބަލޭރޯ އަދި މި ފަހަރު ގެނައި މެންޑީއެވެ.

ޗެލްސީގެ 23 އަހަރުން ދަށުގެ ޓީމަށް ޗެކް މެޗެއް ކުޅެދިންއިރު، ޗެލްސީގެ ސީނިއާ ޓީމަށް އޭނާ އެންމެ ފަހުން މެޗެއް ކުޅެދީފައިވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ގޮތުގައި މީގެ ކުރިން 20 އަހަރު ހޭދަކުރި ޗެކް ވަނީ ޗެލްސީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ ޗެލްސީއާއެކު ޕްރިމިއާ ލީގު އެއް ފަހަރު، އެފްއޭ ކަޕް ހަތަރު ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް