ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ޓީމު ބަދަލުކުރަން ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާއަށް އުނދަގޫވާނެ ކަމަށް އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ބުނެފިއެވެ.
އުމުރުން 27 އަހަރުގެ ޕޮގްބާ މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑުގެ އެއްބަސްވުމުގައި ހުރީ އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. އެކަމަކު ޔުނައިޓެޑުން ބޭނުންނަމަ އިތުރު އެއް އަހަރަށް ޕޮގްބާގެ އެއްބަސްވުން އައު ކުރުމުގެ ފުރުސަތު އޮތްއިރު، އެ ފުރުސަތުގެ ބޭނުން ހިފައި 2022 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް ޕޮގްބާ ޔުނައިޓެޑުގައި ބެހެއްޓުމަށް އެ ޓީމުން ވަނީ ނިންމާފައެވެ.
މީގެ ކުރިން ރައިއޯލާ ވަނީ ޔުނައިޓެޑުގައި ޕޮގްބާ މިހާރު ހުރީ ހިތްހަަމަޖެހިގެން ނޫން ކަމަށާއި، މީހުން ބޭނުންވާ ވަރަށް އޭނާއަށް މިހާރު ޔުނައިޓެޑުގައި ނުކުޅެވޭ ކަމަށް ބުނެފައެވެ. އަދި އެއީ އޭނާވެސް ކަންބޮޑުވާ ކަމެއް ކަމަށާއި، އެހެންކަމުން ޔުނައިޓެޑް ދޫކޮށް އެހެން ކުލަބަކަށް ޕޮގްބާ ބަދަލުވާން ޖެހޭ ކަމަށްވެސް ބުންޏެވެ. އެއާއެކު ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ޕޮގްބާ ވިއްކާލަން ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ނަމަވެސް އިޓަލީގެ ކުޅިވަރު ނޫހަކަށް ދިން އިންޓަވިއުއެއްގައި ރައިއޯލާ ބުނީ ޖެނުއަރީ މަހު ކުލަބު ބަދަލުކުރުމަކީ ނާޒުކު ކަމެއް ކަމަށާއި، އެހެންކަމުން ޖެނުއަރީގައި ޓީމު ބަދަލުކުރަން ޕޮގްބާއަށް އުނދަގޫވާނެ ކަމަށެވެ. އެހެންކަމުން ޕޮގްބާގެ ޓްރާންސްފާއާ މެދު ގޮތެއް ނިންމާނީ އަންނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ކަމަށްވެސް ރައިއޯލާ ބުންޏެވެ.
މީގެ ކުރިން އެތައް ފަހަރަކު ޔުނައިޓެޑް ދޫކޮށްލަން ޕޮގްބާ މަސައްކަތް ކޮށްފައިވާއިރު، މީގެ ކުރިން އެތައް ފަހަރަކު މީޑިއާތަކުން ވަނީ ޕޮގްބާ ހޯދުމަށް ރެއާލް މެޑްރިޑާއި އޭނާގެ ކުރީގެ ކުލަބު ޔުވެންޓަސްއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުކޮށްފައެވެ. އަދި މީގެ ކުރިން ޕޮގްބާ ވަނީ ކޮންމެވެސް ދުވަހަކުން ރެއާލް މެޑްރިޑަށް ކުޅުމަކީ ދެކެމުން އަންނަ ހުވަފެނެއް ކަމަށްވެސް ބުނެފައެވެ.
ޔުނައިޓެޑުން 2010 ވަނަ އަހަރު ކެރިއަރު ފެށި ޕޮގްބާ މީގެ ކުރިން ވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ޔުވެންޓަސްއަށް ބަދަލުވެ އެ ޓީމުގައި ހަތަރު ސީޒަން ހޭދަކޮށްފައެވެ. އޭގެ ފަހުން އަނެއްކާވެސް ޕޮގްބާ އަނބުރާ ޔުނައިޓެޑަށް ބަދަލުވީ 2016 ވަނަ އަހަރު 105 މިލިޔަން ޔޫރޯއަށެވެ. ޕޮގްބާ ވަނީ މިހާތަނަށް ޔުނައިޓެޑާއެކު އިނގިރޭސި ލީގު ކަޕުގެ އިތުރަށް ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.