ކ. މާލެ
|
15 ޑިސެންބަރ 2020 | އަންގާރަ 16:09
ބަލޮންޑޯ ޑްރީމް ޓީމުގެ ފޯވާޑް ލައިން
ބަލޮންޑޯ ޑްރީމް ޓީމުގެ ފޯވާޑް ލައިން
ޓްވިޓަރ
ބަލޮންޑޯ ޑްރީމް ޓީމު
ބަލޮންޑޯ ޑްރީމް ޓީމު: ފޯވާޑް ލައިނުގައި ދެ ރޮނާލްޑޯ އާއި މެސީ
މި ޓީމުގެ މިޑްފީލްޑަރުންނަކީ ޒަވީ ހެނާންޑޭޒް، ލޮތަ މަތެއަސް، ޑިއެގޯ މަރަޑޯނާ އަދި ޕެލޭ
މި ޓީމުގެ ޑިފެންޑަރުންނަކީ ކަފޫ، ފްރެންޒް ބެކެންބާ އަދި ޕައޮލޯ މަލްޑިނީ
މި ޓީމުގެ ގޯލްކީޕަރުގެ މަގާމު ލިބުނީ ސޯވިއެޓް ޔޫނިއަނުގެ ލެވް ޔަޝިންއަށް

ފްރާންސް ފުޓްބޯލް މަޖައްލާއިން އެކުލަވާލި ބަލޮންޑޯ ޑްރީމް ޓީމުގެ ފޯވާޑް ލައިނުގައި ބްރެޒިލުގެ ލެޖެންޑް ރޮނާލްޑޯ ނަޒާރިއޯ އާއި ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ހިމެނިއްޖެއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބަލޮންޑޯ އެވޯޑަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. ފްރާންސް ފުޓްބޯލް މަޖައްލާއިން ބަލޮންޑޯ އެވޯޑު ދޭއިރު، މީގެ ކުރިން މި އެވޯޑު ދެމުން އައީ ފީފާއާ ގުޅިގެންނެވެ. މި އެވޯޑާ ފީފާއާ ވަކިވި ނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން ފްރާންސް ފުޓްބޯލް މަޖައްލާއިން އަންނަނީ ގަވާއިދަށް ބަދަލުގެނެސް އެވޯޑު ދެމުންނެވެ.

އެކަމަކު ކޮވިޑް-19 ގެ ސަބަބުން މި އަހަރު ބަލޮންޑޯ އެވޯޑު ނުދޭން ނިންމުމާއެކު, ބަދަލުގައި ހޮވީ އޯލް ޓައިމް ޑްރީމް ޓީމެކެވެ. މި ޓީމު ހޮވީ މުޅި ދުނިޔޭން ހޮވާލެވުނު 140 ނޫސްވެރިންގެ ޕެނަލަކުންނެވެ.

މި ޓީމުގެ ފޯވާޑް ލައިނުގައި ހިމެނުނު މެސީ އާއި ރޮނާލްޑޯ އަކީ މި ޖީލުގެ އެންމެ މޮޅު ދެ ކުޅުންތެރިންނެވެ. އެގޮތުން މެސީ ވަނީ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. އޭނާ އަކީ މި އެވޯޑް އެންމެ ގިނައިން މިހާތަނަށް ހޯދާފައިވާ ކުޅުންތެރިޔާއެވެ. ދެން ފޯވާޑް ލައިނުގައި ހިމެނުނު ރޮނާލްޑޯ ވަނީ މިހާތަނަށް ފަސް ފަހަރު ބަލޮންޑޯ އެވޯޑް ހާސިލުކޮށްފައެވެ. އަދި ބްރެޒިލުގެ ލެޖެންޑް ރޮނާލްޑޯ ވަނީ ދެ ފަހަރު ބަލޮންޑޯ އެވޯޑް ހޯދާފައެވެ. އޭގެ އިތުރުން އޭނާ ވަނީ ބްރެޒިލާއެކު 1994 އަދި 2002 ވަނަ އަހަރު ފީފާ ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައެވެ.

ބަލޮންޑޯ ޑްރީމް ޓީމުގެ މިޑްފީލްޑަރުން

މި ޓީމުގެ މެދުތެރޭގައި ހިމެނުނު މިޑްފީލްޑަރުންނަކީ ސްޕެއިނުގެ ޒަވީ ހެނާންޑޭޒް އާއި، ޖަރުމަނުގެ ލޮތަ މަތެއަސް އާއި، ދާދި ފަހުން މަރުވި އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއެގޯ މަރަޑޯނާ އަދި ބްރެޒިލުގެ ލެޖެންޑް ޕެލޭއެވެ.

މީގެ ތެރޭގައި ހިމެނޭ ޒަވީ ވަނީ ތިން ފަހަރެއްގެ މަތިން ބަލޮންޑޯ އެވޯޑުގެ ތިންވަނަ ހޯދާފައެވެ. އަދި އޭނާގެ އެންމެ ބޮޑު ކާމިޔާބީއަކީ ސްޕެއިނާއެކު 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރުމެވެ. އޭގެ އިތުރުން ޒަވީ ވަނީ ސްޕެއިނާއެކު 2008 އަދި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ. ޒަވީ އާއެކު ޑްރީމް ޓީމުގައި ހިމެނުނު މަތެއަސް ވަނީ 1990 ވަނަ އަހަރު ބަލޮންޑޯ އެވޯޑް ހާސިލުކުރުމުގެ އިތުރުން، އެ އަހަރު ހުޅަނގު ޖަރުމަނާއެކު ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައެވެ.

މި ޓީމުގައި ދެން ހިމެނުނު ފުޓްބޯޅަ ލެޖެންޑް މަރަޑޯނާ ބަލޮންޑޯ އެވޯޑް ހާސިލުކޮށްފައި ނުވި ނަމަވެސް، އޭނާ ވަނީ އާޖެންޓީނާއާ އެކު 1986 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އަދި އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީވެސް މަރަޑޯނާއެވެ. މަރަޑޯނާއާއެކު މެދުތެރޭގައި ހިމެނުނު ޕެލޭ ވަނީ ބްރެޒިލާއެކު 1958، 1962 އަދި 1970 ގައި ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އަދި 1970 ވަނަ އަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ ޕެލޭއެވެ.

ބަލޮންޑޯ ޑްރީމް ޓީމުގެ ޑިފެންޑަރުންނާއި ގޯލްކީޕަރު

ބަލޮންޑޯ ޑްރީމް ޓީމުގެ ޑިފެންސް ލައިނުން ޖާގަ ލިބުނީ ބްރެޒިލުގެ ކަފޫ އާއި، ޖަރުމަނުގެ ފްރެންޒް ބެކެންބާ އާއި، އިޓަލީގެ ޕައޮލޯ މަލްޑިނީއަށެވެ.

މީގެ ތެރެއިން ކަފޫ ވަނީ 2002 ވަނަ އަހަރު ބްރެޒިލާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އަދި ބެކެންބާ އަކީ ހުޅަނގު ޖަރުމަނަށް 1974 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަނެވެ. މީގެ އިތުރުން މަލްޑިނީ ވަނީ އިޓަލީއާ އެކު 1994 ގެ ވޯލްޑް ކަޕުގެ ދެވަނަ ހޯދާފައެވެ.

މި ޓީމުގެ ގޯލްކީޕަރުގެ މަގާމު ލިބުނީ ސޯވިއެޓް ޔޫނިއަނުގެ ލެވް ޔަޝިންއަށެވެ. އޭނާ ވަނީ ސޯވިއެޓް ޔޫނިއަންއާއެކު 1960 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށް، އަދި 1966 ގެ ވޯލްޑް ކަޕުގެ ތިންވަނަ ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް